މޯލްޑިވިއަން ބްލަޑް ސާރވިސަސް އަށް ފަންނީ ގޮތުން ބޭނުންވާ ޑިރެކްޓަރ ޖެނެރަލްއެއް ހޯދަން އިއުލާނު ކޮށްފިއެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތަށް އިތުރަށް ހަރުދަނާކުރުމަށް ޓަކައި ސިވިލް ސާރވިސްގެ ތެރޭގައި މަސައްކަތް ކުރައްވަމުން ގެންދިޔަ ޑިރެކްޓަރ ޖެނަރަލެއް ހަމަޖައްސައި އެބޭފުޅާގެ ބެލުމުގެ ދަށުން ބްލަޑް ސަރވިސްގެ މަސައްކަތް މިހާރު ވަނީ ހަމަޖައްސާފައެވެ.

މި މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 17 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި ހަތަރު އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން ނުވަތަ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން ވެސް ހިމެނެއެވެ.