ރާއްޖޭގެ ފަސް ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި އަހަރުގެ ދައުލަތުގެ ބަޖެޓުން އެ ޕާޓީތަކަށް ދޫކުރާ ފައިސާގެ އަދަދު 27.9 މިލިޔަނަށް ވުރެ ގިނައެވެ.

ފައިސާ ދޫކުރަން ނިންމާފައިވާ ޕާޓީތަކަކީ އެމްޑީޕީ، އަދާލަތު، ޖުމްހޫރީ ޕާޓީ، އެމްޑީއޭ އަދި ޕީއެންސީއެވެ.

މި ޕާޓީތަކަކީ ދައުލަތުގެ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކެވެ.

މި ޕާޓީތަކަށް ޖުމްލަ 27،911،256 ރުފިޔާ ދޫކުރާނެ ކަމަށް އިސީން ބުންޏެވެ.

ބަޖެޓުން ޕާޓީތަކަޑް ފައިސާ ދިނުމަށް ޝަރުތު ހަމަވަނީ ރައްޔިތުންގެ މަޖިލީހުން ބަޖެޓް ފާސްކުރާ ދުވަހާ ހަމަޔަށް އެ ޕާޓީއެއްގެ މެންބަރުންގެ ދަފުތަރުގައި 10،000 މީހުން ހަމަވާ ނަމައެވެ.

މިގޮތުން އެމްޑީޕީ އަށް 8.4 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފައިވާއިރު، ޖުމްހޫރީ ޕާޓީ އަށް 2.6 މިލިޔަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފައެވެ. އަދި އެމްޑީއޭ އަށް 1.7 މިލިޔަން ރުފިޔާ ދޫކުރަން ނިންމައިފައިވާއިރު، ޕީއެންސީ އަށް 13.3 މިލިޔަން ރުފިޔާ އަދި އަދާލަތު ޕާޓީ އަށް 1.7 މިލިޔަން ރުފިޔާ ދޫކުރަން ވަނީ ނިންމައިފައެވެ.

ޕީއެންސީގައި 68،968 މެންބަރުން ތިބިއިރު، އެމްޑީޕީގައި ތިބީ 43،755 މެންބަރުންނެވެ. ޖުމްހޫރީ ޕާޓީގައި 13،826 މެންބަރުން ތިބިއިރު، އެމްޑީއޭގައި 9،210 މެންބަރުން އެބަތިއްބެވެ. އަދި އަދާލަތު ޕާޓީގައި ތިބީ 9،049 މެންބަރުންނެވެ.

އީސީން ބުނީ ޕާޓީތަކަށް ފައިސާ ކަނޑައަޅާފައި ވަނީ ބޮލަކަށް 193.23 ރުފިޔާގެ މަގުން ކަމަށެވެ.

މިހާރު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 9 ޕާޓީއެއް އެބައޮތެވެ.