އަންނަ ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސަރުކާރުގެ ޓެކްސީ ލައިންގެ ހިދުމަތް ފަށަން ނިންމައިފިއެވެ.
މިކަން ހާމަކުރެއްވީ، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މިނިސްޓަރު ވިދާޅުވީ، ޓެކްސީ ލައިނަށް ބޭނުންވާ ޓެކްސީ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އެމްޓީސީސީން އިއުލާނުކޮށް، އެ ޓެކްސީތައް ފޯރުކޮށްދޭނެ ބަޔަކު މިހާރު ހަމަޖެހިފައިވާ ކަމަށެވެ.
ޓެކްސީ ލައިނަށް ބޭނުންވާ އެޕްލިކޭޝަން ހެދުމުގެ މަސައްކަތާއި ޓެކްސީތައް ޗަރޖު ކުރާނެ ޗަރޖިން ސްޓޭޝަންތައް ހެދުމުގެ މަސައްކަތްވެސް އެ ކުންފުނިން ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ ޖޫން މަސް ނިމި ޖުލައި މަހުގެ ފުރަތަމަ ހަފުތާގައި މި ޚިދުމަތް ތަޢާރަފުވެގެންދާނެ ކަމަށް،“ އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ ޓެކްސީގެ ހިދުމަތަކީ ރާއްޖޭގައި ޒަމާންވީ ހިދުމަތަކަށްވިނަމަވެސް ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށާއި ޓެކްސީގެ ހިދުމަތް ދިނުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުން ހިދުމަތް ދިނުމާއި ޓެކްސީގެ ހިދުމަތްދޭ އުޅަނދުތަކުގެ ފެންވަރު ދަށްވުން ފަދަ މައްސަލަތައް ދިމާވާ ކަމަށެވެ.
އަދި ސަރުކާރުގެ ޓެކްސީ ލައިންގެ ބޭނުމަކީ އެފަދަ މައްސަލަތައް ހައްލުކުރުމަށް ބާރު އެޅުއްވުން ކަމަށާއި މިއީ ބޭރުގެ ބައެއް ގައުމުތަކުގައިވެސް ޓެކްސީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް އަޅުއްވާފައިވާ ފިޔަވަޅެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

