ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް ބާއްވާ ”އަހާ“ ވަޒީރުންގެ ޕަބްލިކް ފޯރަމްގެ ފަސް ވަނަ ބައްދަލުވުން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.

މި ފޯރަމް އޮންނާނީ އެ ރޭ 9:00 ގައި ޕީއެސްއެމްގެ ޓީވީ ބިލްޑިންގައެވެ.

މި ފަހަރުގެ ފޯރަމްގައި ބައިވެރިވެ ވަޑައިގަންނަވާނީ ހޯމް މިނިސްޓަރު އަލީ އިހުސާން، ބަންޑާރަ ނައިބު އަހުމަދު އުޝާމް، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު، ހެރިޓޭޖް މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އަދި އެގްރިކަލްޗަރ މިނިސްޓަރު ޑރ. މަރްޔަމް މާރިޔާއެވެ.

ދެ ގަޑިއިރަށް ކުރިއަށްގެންދާ މި ފޯރަމްގައި ބައިވެރިވެ، ވަޒީރުންނާ ސުވާލުކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

އެގޮތުން ފޯރަމް އޮންނަ ތަނަށް ވަޑައިގެން ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި، އެސްއެމްއެސް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ސުވާލު ހުށަހެޅޭނެއެވެ. އަދި ޕީއެސްއެމް އެއަރ އެޕް މެދުވެރިކޮށްވެސް ސުވާލު ކުރެވޭނެއެވެ.

އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނަމަ، AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާފައި ސުވާލު ލިޔުއްވުމަށްފަހު 300 އަށް ފޮނުވޭނެއެވެ.