މަޖީދިއްޔާ ސްކޫލުގެ އައު އިމާރާތުގެ އެއްބަސްވުމުގައި މި މަހުގެ ތެރޭގައި ސޮއިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރައްޔިތުންނާއެކު ޕޮޑްކާސްޓްގެ ތިންވަނަ އެޕިސޯޑުގައި، ސްކޫލްތަކުގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން ސްކޫލްތަކުގެ މަލްޓިޕަރޕަސް ހޯލު ބިނާކުރުމުގެ 44 މަޝްރޫއުއާއި ސައިންސް ލެބް ގާއިމުކުރުމުގެ 19 މަޝްރޫއުއާއި 10 ރަށެއްގައި ލައިބްރަރީ ހެދުމުގެ މަސައްކަތާއި 6 ރަށެއްގައި ކޮމްޕިއުޓަރ ލެބް ގާއިމުކުރުމުގެ ހިނގަމުންދާ ކަމަށް ވިދާޅުވިއެވެ.

އަދި 24 ރަށެއްގައި ސްޓާފް ރޫމް ނެތުމުން، އެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”ދެން އޭގެއިތުރަށް، މާލެ ސަރަހައްދަށް ބަލާއިރުގައި، މިސާލަކަށް، މަޖީދިއްޔާ ސްކޫލް. މަޖީދިއްޔާ ސްކޫލްގައި އާ އިމާރާތެއް އަޅަންޖެހޭ. އަޅުގަނޑު ވާނީ އެ ވާހަކަ ދަންނަވާފައި، މަޖީދިއްޔާ ސްކޫލްގެ 100 އަހަރުގެ ކައުންޓް ޑައުން ފެށުނު ރޭގައި. އިރާދަކުރެއްވިއްޔާ، މި މަހު، މަޖީދިއްޔާގެ އަހަރީ ދުވަހު އަޅުގަނޑުމެން އެގްރީމަންޓްގައި ސޮއިކުރާނަން. އެ އަމާޒަށް މިހާރު މަސައްކަތް ކުރަމުން މިދަނީ. އެ އިމާރާތް އެޅުމަށް އިނގޭތޯ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

 

މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހަކީ، މި މަހުގެ 19 ވަނަ ދުވަހެވެ.

ރައީސްގެ ވާހަކަފުޅުގައި، މާލޭގައި ދެވަނަ އޭ ލެވެލް ސްކޫލެއް ގާއިމުކުރުމުގެ މަސައްކަތްވެސް މި އަހަރު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.

”ދެން އޭގެއިތުރަށް، ހުޅުމާލޭގައި މިހާރު ހަދަމުންދާ ސްކޫލް، މި އަހަރު ނޮވެންބަރަށް އިރާދަކުރެއްވިއްޔާ ނިންމާނަން. އޭރުން ދެން އަންނަ ދިރާސާ އަހަރު ފެށޭއިރު ހުންނާނެ އެ ތަން. އެއީ، ވަރަށް ބޮޑު ލުޔެއް ލިބޭ ކަމެއް ހަގީގަތުގައި، މާލޭގައި ކިޔަވާ ކުދިންނަށް. މާލޭ ސަރަޙައްދަށް ހާއްސަކޮށް. އޭގެއިތުރަށް، ހުޅުމާލޭގައި ދެ ސްކޫލެއް އަޅަންޖެހޭ.“ ރައީސް މުއިއްޒު އިތުރަށް ވިދާޅުވިއެވެ.