ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތްކުރަން ފެށުމުގެ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ސަނާބިލް ބިލްޑިންގ ކޮންސްޓްރަކްޝަން ސައިޓުގައި މިއަދު ހަވީރު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް އިމާރާތްކުރަން ފައްޓަވައިދެއްވުމުގެ ގޮތުން ކޮންކްރީޓް އަޅުއްވައިދެއްވާފައެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސަނާބިލް މަޝްރޫއުއަކީ އެ ޔުނިވަރސިޓީއަށް ދެމެހެއްޓިނިވި ގޮތެއްގައި އާމްދަނީ ހޯދުމުގެ ގޮތުން ހިންގޭ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ ދަށުން ޔުނިވަރސިޓީގެ ބިމެއްގައި 7 ބުރީގެ ”މިކްސްޑް-ޔޫޒް ކޮމްޕްލެކްސް“ އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިގޮތުން މި އިމާރާތުގައި އޮފީސް ސްޕޭސްތަކާއި، ފުޑް ކޯޓާއި، މީޓިންގ ރޫމްތަކާއި، އޮޑިޓޯރިއަމް އަދި ކޮމާޝަން ޕާކިން ޖާގަތައް ހިމެނެއެވެ.
މި މަޝްރޫއުއަކީ އިސްލާމިކް ފައިނޭންސްގެ ޞުކޫކް މޮޑެލްގެ ދަށުން ފައިސާ ހޯދައިގެން ޢިމާރާތެއް އެޅުމަށް ރާއްޖޭގައި ހިންގޭ އެންމެ ފުރަތަމަ މަޝްރޫއުއެވެ.
މި މަޝްރޫއު ހިންގުމަށް ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓްގައި 1 މަސްދުވަހުގެ މުއްދަތަށް އައިޔޫއެމްގެ ސުކޫކު ސަބްކްރިޕްޝަންއަށް ހުޅުވާލީ 11 އޮގަސްޓް 2024 ގައެވެ. އަދި މުއްދަތު ހަމަވިއިރު ސަބްސްކްރައިބްކޮށްފައި ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ބީއެމްއެލް އިސްލާމިކް އިންނެވެ.
މި އިމާރާތް ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުންނެވެ.
މުއައްސަސާތައް ހިންގުން ހަރުދަނާ ކުރެއްވުމަށާއި، ބާރުވެރިކުރުވުމަށް ސަރުކާރުން ދަނީ އެމުވައްސަސާއަކަށް ބޭނުންވާ އެންމެ ފުރިހަމަ އެއްބާރުލުން ދެއްވަމުންނެވެ.

