ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

މަމްދޫހު މިހެން ވިދާޅުވީ، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ސަމާލަތްތެރިކަން ކަށަވަރުކުރުމަށް ތުރުކީ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރަން ނިންމުމާ ގުޅިގެންނެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއީ ރައީސް މުއިއްޒު، ގައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑް ދެގުނަ ކުރައްވައި، ގާބިލުކަން އިތުރުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ރަހުމަތްތެރި ގައުމުތަކާއެކު ބަދަހިކުރައްވަމުން ގެންދަވާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ލިބިގެންދާ މަނަވަރެއްކަމަށެވެ.

މިކަމާ ގުޅިގެން މަމްދޫހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަދަހި ކުރެވެމުންދާ ގުޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ތުރުކީ ވިލާތުން، ”ހިލޭ އެހީގެ“ ގޮތުގައި، ދިވެހިރާއްޖެއަށް ޑޯގަން ކްލާސްގެ މަނަވަރެއް ހަދިޔާކުރެއްވުމަށް ނިންމެވި ނިންމެވުމަކީ، ގައުމީ ދިފާއީ ބާރުގެ ކޯސްޓުގާޑު ދެގުނަ ކުރެއްވުމަށް ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ހުޅުވިގެން ދިޔަ މުހިންމު ދޮރެއް ކަމަށެވެ.

ޑިފެންސް މިނިސްޓްރީން ބުނިގޮތުގައި، މި އުޅަނދު ތައާރަފުވުމަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރުމަށް ލިބޭ ބޮޑު އެހީއެއްކަމަށެވެ.

މިއީ އެ މަސައްކަތުގައި ދިވެހި ސިފައިންނަކީ ގާބިލު ބަޔަކަށް ހެދުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ.މުހައްމަދު މުޢިއްޒު ކަނޑައަޅުއްވާފަވާ ލަނޑުދަނޑިއަށް ވާސިލވުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.