އުމުރުން 60 އަހަރުވުމުން ކާރު ދުއްވުމަށް ހާއްސަ ލައިސެންސެއް ނަގަންޖެހޭ ގޮތަށް ”އެއްގަމު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ގަވާއިދު“ އިސްލާހުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ގެޒެޓުކުރި އެ އިސްލާހުގައިވާ ގޮތުން 60 އަހަރުވުމުން ވަކި ކެޓަގަރީއެއްގެ އުޅަނދު ދުއްވުމަށް ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަ ލައިސަންސެއް ދޫކުރެވިދާނެއެވެ.
އެ ލައިސަންސްގެ ދަށުން ދުއްވުމުގެ ހުއްދަ ދެވޭނީ ހަމައެކަނި 60 ސީސީން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށު ޕިކަޕް ފަދަ އުޅަނދު ކަމަށްވެސް ބުނެފައިވެއެވެ.
ގަވައިދުގައި ބުނެފައިވާ ގޮތުން އުމުރުން ދޮށީ މީހުންނަށް ދޫކުރާ އެ ލައިސަންސުގެ މުއްދަތަކީ 10 އަހަރެވެ. ލައިސަންސުގެ މުއްދަތު ހަމަވުމުން އާ ލައިސަންސް އަލެއް ނުކުރެވޭނެއެވެ.
ނަމަވެސް ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސް ދޫކުރުމުގެ ހިދުމަތް ދޭ ކައުންސިލްތަކުން މަދުވެގެން ހަތަރު ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރާ މީހުންނަށް ލައިސަންސަށް އެދުމުގެ ފުރުސަތު އޮންނާނެ ކަމަށް ގަވާއިދުގައި ބުނެފައިވެއެވެ.
ގަވާއިދުގައި ބުނެފައިވާ ގޮތުން ދޮށީ އުމުރުގެ ފަރާތްތަކަށް ހާއްސަކޮށްފައިވާ ލައިސަންސްގެ ދަށުން އުޅަނދު ދުއްވާފަރާތަކުން އެއް ފަހަރަށްވުރެ ގިނަ ފަހަރު ޓްރެފިކް ގަވާއިދުތަކާ ހިލާފުވެއްޖެ ނަމަ، އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރުމުގެ ލިބިގެންވެއެވެ.

