ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރުމަށް މުހިންމު ކަންކަން ކުރުމަށް ކެބިޓެނުން މިއަދު ވަނީ ނިންމަވައިފައެވެ.
އެގޮތުން 1 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ/އުފަންވާ ހުރިހާ ކުދިން ދުންފަތުގެ ބާވަތްތައް ގަތުމާއި ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުން ހިމެނޭގޮތަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް ކެބިނެޓުން ވަނީ ނިންމަވައިފައެވެ.
އަދި މި ޖެނެރޭޝަނަލް ބޭން ތަންފީޒުކުރުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށް ވެސް ކެބިޓެނުން ވަނީ ނިންމަވިފައެވެ.
މިގޮތުން މި ގާނޫނަށް އިސްލާހު ގެނެސް ތަސްދީގު ކުރާ ތާރީހުން ފެށިގެން ގާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށްފަހު، 1 ނޮވެންބަރު 2025 ގައި މި ގާނޫނު ތަންފީޒުކުރަން ފެށުމަށް ވެސް ވަނީ ނިންމަވައިފައެވެ.
މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށް ވެސް ކެބިޓެނުން ވަނީ ނިންމަވައިފައެވެ.

