ފްލައިޓެއްގެ ބުރަފަތީގައި ޖެހުނު ޒުވާނާގެ ހާލު ގާތުން ބަލަމުންދާކަން ސަރުކާރުން ހާމަ ކުރައްވައިފިއެވެ.

ފިލިޕީންސްގެ ފްލައިން ސްކޫލެއްގައި ޕައިލެޓް ތަމްރީނު ހަދަމުން ދިއުމުގެ ތެރޭގައި މަތިންދާބޯޓުގެ ބުރަފަތީގައި ޖެހި އަނިޔާވީ އަބުދުލް މާނިއު އަށެވެ. 

ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ، އެ ދަރިވަރުގެ ބައްޕަ، އާމިރު އާ ފޯނުން ގުޅާ ދަރިވަރުގެ ހާލަތާ ގުޅޭގޮތުން މިއަދު ވާހަކަ ދައްކާލެވުނު ކަމަށެވެ.

”ދަރިފުޅުގެ މަންމައާއި ބޭބެ ފިލިޕީންސް އަށް މިހާރު ދެވިއްޖެ ކަމަށާއި މާތްﷲގެ ވާގިފުޅާއެކު ދަރިފުޅު ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވި. ފޮރިން މިނިސްޓްރީ، ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އަދި ސިވިލް އޭވިއޭޝަނުން ވެސް ގުޅުއްވާ ދަރިފުޅުގެ ޙާލު އޮޅުންފިލުއްވިކަމަށާއި, ސަރުކާރުން މިހާ ގާތުން މިކަން ބަލަމުން ގެންދާތީ އުފާކުރައްވާކަމަށް ވިދާޅުވި. އަދި ފިލިޕީންސް ގައި ތިބި ކިޔަވާ އެހެން ދަރިވަރުންގެ ފަރާތުން މިފަދަ ވަގުތެއްގައި ލިބެމުންދާ އެހީތެރިކަން ފާހަގަކުރައްވާ، އެކަމާ ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި.“ މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރު ވިދާޅުވީ ހާދިސާގެ ރިޕޯޓް ލިބުނު ވަގުތުން ފެށިގެން، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެއްގޮތަށް ދިވެހި ސަރުކާރުން ގެންދަނީ ދަރިވަރުގެ ހާލު ވަރަށް ކައިރިން ބަލަމުން ކަމަށެވެ.

މާނިއު ޒަހަމްވެފައިވަނީ ޓްރެއިނިން އަށް ބޭނުން ކުރާ މަތިންދާ ބޯޓެއްގެ ބުރަފަތީގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި މާނިއުގެ މޫނަށާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ތަންތަނަށް ބޮޑެތި ޒަހަމުތަކެއް ލިބިފައި ވެއެވެ.