ފަލަސްތީނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލަންދެން އިޒްރޭލު ޕާސްޕޯޓު މަނާކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ން މިއަދު ނިންމައިފިއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ހުށަހަޅުއްވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ.
ބިލާ މެދު ގޮތެއް ނިންމަން މިއަދު ބޭއްވި 241 ކޮމިޓީގެ ބައްދަލުވުމުގައި، ހުޅުދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު ޝާހިދު ވަނީ 2023 ވަނަ އަހަރު އިޒްރޭލުން ފަލަސްތީނަށް ދޭން ފެށި ލާއިންސާނީ ހަމަލާތައް ހުއްޓުމަކަށް އަންނަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން ހުށަހަޅުއްވައިފައެވެ.
އަދި، އޭނާ ވަނީ އިޒްރޭލު މީހަކު އެހެން ގައުމެއްގެ ޕާސްޕޯޓުގައި ވެސް ރާއްޖެ އެތެރެވުން މަނާވާ ގޮތަށް އެ ބިލުގައި އޮތް މާއްދާ އުނިކުރަން ހުށަހަޅުއްވައިފައެވެ.
އެ ދެ އިސްލާހަށް ތާއީދުކުރެއްވީ ވިލިމާލޭ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު މުހައްމަދު އިސްމާއިލެވެ.
އިސްލާހުތަކާ އެކު ބިލު ފާސްކުރަން ކޮމިޓީން ފާސްކުރީ ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.
(ތަފްސީލު އަންނަނީ…)

