އަމިއްލަ ބަހުގެ އަގާއި ގަދަރު ދަރީންނަށް ވިސްނައިދީ، ދިވެހިބަހުގެ އަދަބިއްޔާތާއި ފަންނުތަކުގެ ތެރެއަށް ވަންނަ ހުނަރުވެރިކުދީން ގިނަކުރުމަށް ބާރުއަޅުއްވައި، ދިވެހި ބަހުން ވާހަކަ ދެއްކުމަކީ، އުފަލެއްކަމުގައި އަދި ފަހުރެއްކަމުގައި އެންމެންވެސް ގަބޫލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.
އެމަނިކުފާނު މިގޮތަށް އިލްތިމާސްކުރެއްވީ ދިވެހިބަހުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި ދިވެހިރާއްޖޭގެ އަމިއްލަވަންތަކަމާއި މިނިވަންކަމުގެ އެންމެ އަގުހުރި އެއް ރަމްޒަކީ، ދިވެހިބަސްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ވާހަކަދައްކައި ލިޔެކިޔާނެ އަމިއްލަ ބަހަކާއި އަމިއްލަ އަކުރުތަކެއް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން ދިވެހިބަހުގެ ސަބަބުން ދިވެހީންގެ އެއްބައިވަންތަކަމާއި، މުއްސަނދި ސަގާފަތް ދައްކުވައިދޭކަމަށާއި، ދިވެހީންނަކީ ޒަމާނުއްސުރެ ވަކި އާދަކާދަތަކަކާއި އުސޫލުތަކެއް ހިފަހައްޓަމުން އަންނަ މުސްތަޤިއްލު ބަޔެއްކަން މުޅި ދުނިޔެއަށް ކަށަވަރުކޮށްދެނީ ދިވެހިބަހުގެ ސަބަބުންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސްގެ ހިތާބުގައި، ދިވެހިބަހަށް ހިދުމަތްކުރުމަކީ، ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތުކަމުގައި ވިދާޅުވެފައިވެއެވެ. އަދި ދިވެހީން، ދިވެހީންގެ ގޮތުގައި އެތައް ހާސް އަހަރަކު ދެމިތިބީ، ދިވެހިބަހުން ބަސްމޮށި އުޅޭތީކަން އެންމެ ހިނދުކޮޅަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. ހަމައެއާއެކު ދިވެހިބަހަށް އިހުމާލުނުވުމަށް އެމަނިކުފާނުގެ ހިތާބުގައި ބާރުއަޅުއްވާފައިވެއެވެ.
ރައީީސްގެ ހިތާބުގައި އަންނަން އޮތް ޖީލުތަކަށް ދިވެހިބަސް ފޯރުކޮށްދިނުމަށް، އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
އަދި ޒަމާނާއެއްގޮތަށް ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތްކުރުމަށާއި، ދިވެހިބަހުން ވާހަކަދެއްކުމަށް އިސްކަންދޭ ކުދިބަޔަކަށް ހެދޭނީ، ޒަމާނީ ފަންނިއްޔާތާއި މުވާސަލާތުގެ ތަރައްގީއާއި ފައިހަމަކުރެވޭނެ ކުރިއެރުން ދިވެހި ބަހަށް ހޯދައިދީގެންކަމުގައި އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ހަމައެއާއެކު ދިވެހިބަހާއި، ދިވެހި އަދަބިއްޔާތާއި، ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާއި މޮޅުކަން، އަދުގެ ޖީލުތަކަށް މޭރުންވާނޭ މަގުން ކިޔައިދީ، އުނގަންނައިދިނުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.
ދިވެހި ބަހުގެ ދުވަހާ ގުޅިގެން ރައީސް ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުންވެސް ތަހުނިޔާގެ ޕޯސްޓެއް ހިއްސާކުރައްވާފައެވެ.
އެމަނިކުފާނުގެ ޕޯސްޓުގައި އަބަދުވެސް ދިވެހިބަހަށް އިސްކަން ދޭންވާނެކަމަށާއި، ދިވެހީންގެ އަމިއްލަވަންތަކަމުގެ މައިބަދައަކީ ދިވެހިބަސްކަމުގައި ފާހަގަކުރައްވާފައިވެއެވެ.
އަދި ޒަމާނާ އެއްވަރަށް ފައިހަމަކުރަމުން، ދިވެހިބަސް ކުރިއަރަމުން ދިއުމުގެ ފޮނި އުންމީދުކުރައްވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

