މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު އަބްދުﷲ އަހުމަދު ބަދާވީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.

މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމަށް ރައީސް ފޮނުއްވި ތައުޒިޔާގެ މެސެޖުގައި، މަރުހޫމް އަބްދުالله އަހުމަދު ބަދާވީއަކީ އެ މަނިކުފާނުގެ ހަޔާތްޕުޅުގެ ބޮޑު ބައެއް، އާންމު ހިދުމަތާއި މެލޭޝިއާގެ ކުރިއެރުމަށް ހާއްސަ ކުރެއްވި ޝަރަފުވެރި ބޭފުޅެއްގެ ގޮތުގައި ފާހަގަކުރައްވައި، ޢަބްދުﷲ އަހުމަދު ބަދާވީ އަވަހާރަވުމުން ފުން ހިތާމައެއް ލިބިވަޑައިގެންނެވި ކަމުގައި ވިދާޅުވެފައިވެއެވެ.

އަދި މެލޭޝިޔާގެ އިގްތިސާދީ ކުރިއެރުމަށް، މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީކުރެއްވި މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި، އެ މަނިކުފާނަކީ ހަމަހަމަ ކަމާއި ގައުމީ އެއްބައިވަންތަކަމާއި، ހެޔޮވެރިކަމެއް ގާއިމުކުރެއްވުމަށް މަސައްކަތްކުރެއްވި ސިޔާސީ ލީޑަރެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފުން ހިތާމައިގެ މިދަނޑިވަޅުގައި މަރުޙޫމް އަބްދުالله އަޙްމަދު ބަދާވީގެ އާއިލާއަށާއި މެލޭޝިއާގެ ސަރުކާރާއި، ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފޮނުއްވަމުންނެވެ.

މަރުހޫމް އަބްދުالله އަހުމަދު ބަދާވީއަކީ 2003 ވަނަ އަހަރުން 2009 ވަނަ އަހަރަށް ހިދުމަތް ކުރެއްވި، މެލޭޝިއާގެ 5 ވަނަ ބޮޑުވަޒީރެވެ.

މަރުހިމް އަބްދުالله އަޙްމަދު ބަދާވީގެ ބޮޑުވަޒީރުކަމުގައި އަމާޒު ހިއްޕެވީ އިސްލާމީ އުސްލޫބު ފަތުރުއްވައި، މެލޭޝިއާގެ އިގްތިސާދަށް ކުރިއެރުން ހޯއްދަވައިދެއްވައި، ގައުމީ އެއްބައިވަންތަކަން ގާއިމުކުރެއްވުމަށެވެ.