ބައިނަލްއަގްވާމީ ގިނަ މީޑިއާތަކެއްގެ ފަލަ ސުރުހީތަކުން ރާއްޖެ މިވަނީ ޖާގަ ހޯދައިފައެވެ. ކޮންމެ ދިވެހި ދަރިޔަކު ވެސް، އަދި ކޮންމެ މުސްލިމަކު ވެސް ފަހުރުވެރިވާންޖެހޭ ސަބަބަކަށްޓަކައެވެ.
ބޭރުގެ މީޑިއާތަކުގައި މިހާރު ވަނީ އިޒްރޭލު މީހުން ރާއްޖެ އައުން މަނާކުރި ވާހަކައެވެ.
އިޒްރޭލު މީހުން ރާއްޖެ އައުން މަނާވެފައި މިވަނީ، ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓައިލަންދެން އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަށް އިއްޔެ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ވަގުތުން އެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެންނެވެ.
މިއާއެކު، ފަލަސްތީނުގެ ރައްޔިތުން އަޅުވެތިކޮށް، ލާއިންސާނީ އަނިޔާތައް ދެމުންގެންދާ އިޒްރޭލާ ދެކޮޅަށް އެންމެ ވަރުގަދަ ފިޔަވަޅު އެޅި ދިވެހި ސަރުކާރަކަށް ރައީސް މުއިއްޒުގެ ސަރުކާރު މިވަނީ ވެފައެވެ.
ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ބިލް މަޖިލީހުން ފާސްކުރީ އިއްޔެ . އެ ބިލު ތަސްދީގު ކުރައްވައި، މީގެ ކުރިން އެއްވެސް ރައީސަކަށް ކެރިވަޑައިނުގެންނެވި ނިންމެވުމެއް ރައީސް، ޑރ. މުއިއްޒު ވަނީ ނިންމަވައިފައެވެ.
ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނަށް ތިންވަނަ އިސްލާހު ގެނައުމުގެ ބިލަކީ ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި ގަތުލުއާންމާ ދެކޮޅަށް ދިވެހިރާއްޖޭން ފިޔަވަޅުއެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ޕާސްޕޯޓުގައި އިޒްރޭލު މީހުން އެތެރެވުން މަނާކުރުމަށް ފާސްކުރި ބިލެކެވެ.

އާރްޓީ، އަރަބް ނިއުސް، ޒިންހުއާ ނިއުސް، ޖެރޫސެލަމް ޕޯސްޓު، ދަ ހިންދޫ ފަދަ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި ވާހަކަ ޝާއިއު ކުރަމުންދާއިރު، މިކަމާ ގުޅޭގޮތުން ދުނިޔޭގެ އެތަން މިތަނުގައި އުޅޭ މީހުން ދެކޭގޮތް ވެސް ދަނީ ހާމަވަމުންނެވެ.
އިޒްރޭލު ޕާސްޕޯޓު މަނާ ކުރި ޚަބަރަށް ”ކޮމެންޓު“ކޮށްފައިވާ ގިނަ މީހުން ބުނަނީ، އާބާދީ މަދު، ކުޑަ ގައުމަކަށް މިފަދަ ފިޔަވަޅެއް އަޅަން ކެރުނުއިރު، އިސްލާމީ ބޮޑެތި ގައުމުތަކަށް އިޒްރޭލާ ދެކޮޅަށް ކުރަން ކެރޭ ކަމެއް ނެތް ކަމަށެވެ.
އަދި ރާއްޖެއިން އަޅާފައިވާ ފިޔަވަޅުން މިސާލު ނަގައި، އެހެން ގައުމުތަކުން ވެސް އިޒްރޭލު ބޭން ކުރަންޖެހޭ ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިތުރު މީހުން ބުނެފައި ވަނީ، މުޅި ދުނިޔެ ވެސް އިޒްރޭލް ”ބޭން“ ކުރަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ސަރުކާރުގެ ހިތްވަރަށް ތައުރީފު ކޮށްފައިވެއެވެ.

ދިވެހި ސަރުކާރ
އިޒްރޭލު ޕާސްޕޯޓު ބޭން ކުރަން ދިވެހި ސަރުކާރުން ނިންމިއިރު، ރައީީސް މުއިއްޒު ގެންދަވަނީ ދިވެހިން ތިބީ ފަލަސްތީނާއެކުގައިކަން ހާމަކޮށްދެއްވަމުންނެވެ.
އެމަނިކުފާނު ވަނީ ތަފާތު އެކި ޕްލެޓްފޯމުތަކުގައި ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތު ކުރަމުންދާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
އެގޮތުން އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށް ރައީސް ތަކުރާރުކޮށް ވަކާލާތު ކުރައްވައެވެ.

ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުން ވެސް ވަނީ ރައީސް މުއިއްޒުގެ ސަރުކާރުގެ ނިންމުމަށް ޝުކުރު އަދާ ކޮށްފައެވެ. ޣައްޒާގައި މިހާރު ވެރިކަން ކުރަމުންދަނީ ވެސް ހަމާސްއިންނެވެ.
ރާއްޖޭގެ ނިންމުމަށް ތާއީދުކޮށް އެ ޖަމާއަތުން ބުނީ އެހެން ގައުމުތަކުން ރާއްޖެ ނަމޫނާއަކަށް ބެލުމަށް އެދޭ ކަމަށެވެ.
އިޒްރޭލު ބޭން ކުރުމަށް ރާއްޖެއިން ނިންމި ނިންމުމަށް މުސްލިމުންނާއި ޣައިރު މުސްލިމުންގެ ތެރެއިން ވެސް ފަލަސްތީނުގެ މިނިވަންކަމަށް ތާއީދު ކުރާ ފަރާތްތަކުން ތައުރީފު އޮއްސަމުން ދިޔަ ނަމަވެސް، އިދިކޮޅު މައި ޕާޓީ، އެމްޑީޕީން ބުނަނީ، މިއީ ސަރުކާރުން ހެޔޮ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.

