ދެކުނު އިންޑިއާ ކަނޑުގެ ސަރަހައްދަކަށް 6.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ (ޔޫއެސްޖީއެސް) އިން މިކަން ހާމަކޮށްފައިވާއިރު، ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރެއް ވެސް އަދި އެޑްވައިޒަރީއެއް ވެސް ނެރެފައެއް ނުވެއެވެ.

މި ބިންހެލުން އައިސްފައިވަނީ ރޭ 9:43 ހާއިރުއެވެ. ބިންހެލުމުގެ އެޕިސެންޓަރ އަކީ އިރުދެކުނު އިންޑިއަން ރިޖެވެ.

ބިންހެލުން އައީ މީހުން އުޅޭ އެއްވެސް ސަރަހައްދަކާ ކައިރި ހިސާބަކަށް ނޫނެވެ.

އެންމެ ކައިރީގައި އޮތް އާބާދީއަކީ 1،200 މޭލު (1،966 ކިލޯމީޓަރު) ދުރުގައި އޮންނަ ހުޅަނގު އޮސްޓްރޭލިއާގެ އޮގަސްޓާއެވެ.

ޔޫއެސްޖީއެސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެއްވެސް ބަޔަކަށް މި ބިންހެލުން އިހުސާސް ކުރެވޭނެ ކަމަށް ނުބެލެވެއެވެ.

މި ބިންހެލުން އައިސްފައިވަނީ ގާތްގަނޑަކަށް 6.2 މޭލު (10 ކިލޯމީޓަރު) އަޑިންނެވެ.

އެ ސަރަހައްދަށް އެންމެ ފަހުން ބާރުގަދަ ބިންހެލުމެއް އައިސްފައި ވަނީ 2015 ވަނަ އަހަރުގައެވެ. އެއީ 7.1 މެގްނިޓިއުޑްގެ ބާރު މިނުގައި އައިސްފައިވާ ބިންހެލުމެކެވެ.