ތ. ވިލުފުށީ މުއައްސަސާތަކަށް އަމާޒުކޮށްގެން އަރުތަ ޕްރޮގްރާމު ކުރިއަށް ގެންގޮސްފިއެވެ.
ވިލުފުށީ ޕޮލިހާއި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން މި މަހު 14 އިން 15 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ތަފާތު އެކި މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
އެގޮތުން، މުވައްޒަފުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.
އަދި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ލީޑަރެއްގެ ދަށުގައި މަސައްކަތްކުރާނެ ގޮތާއި، އެގޮތަށް މަސައްކަތްކުރާއިރު ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި، ޓީމެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމާއި، ރަށުގެ ތަރައްގީއަށްޓަކައި ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން އަދި މަސައްކަތުގެ މާހައުލުގައި ދިމާވާ ކަންކަން ހައްލުކުރާނެ ގޮތްތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
މީގެ އިތުރުން، އެކުވެރިކަމާއި އެއްބައިވަންތަކަށް އަލާކުރުމުގެ ގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ޓީމް ބިލްޑިން ހަރަކާތްތަކެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމުގައި، ވިލުފުށީގެ ހުރިހާ މުއައްސަސާއެއް ހިމެނޭގޮތަށް 74 މީހުން ބައިވެރިވިއެވެ.

