ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމުގެ މަގާމަށް މުހައްމަދު މުޖުތާޒު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެ ކޮމިޝަންގެ މެންބަރުކަމަށް އޭނާ އައްޔަން ކުރަން ފެނޭތޯ ބެލުމަށް، އޭނާގެ ނަން މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވީ މިދިޔަ މަހުގެ ހަތްވަނަ ދުވަހުގައެވެ.

އަދި އެ ދުވަހިގެ ޖަލްސާގައި އެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސަތަކާ ބެހޭ ކޮމިޓީ އަށް ފޮނުވިއެވެ.

މުޖުތާޒް އައްޔަން ކުރަން ފެންނަ ކަމަށް އިއްޔެ ފާސްކުރީ ވޯޓުގައި ބައިވެރިވި 71 މެންބަރުންގެ އިއްތިފާގުންނެވެ.

އޭނާއާ އިންޓަވިއު ކުރުމަށްފަހު ކޮމިޓީން އޭނާ އަށް 88.11 ޕަސެންޠް މާކްސް ދިނެވެ.

ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސަކަށް ކުރިން ހުންނެވި އިބްރާހީމް ރަޝީދު މިދިޔަ މަހު 11، ގައި އިސްތިއުފާ ދެއްވުމުންނެވެ.

އޭނާ އިސްތިއުފާ ދެއްވީ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.