ޅ.ކުރެންދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ކުރެންދޫ / މަޒާ، އަބްދުލްގައްޔޫމް އިބްރާހީމް (40އ)އެވެ.

މި އެޕްރީލް މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ކުރެންދޫ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 30 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.