ސަރުކާރުގެ އެހީގެ ދަށުން ޤުރުއާން ހިތުދަސްކޮށްދިނުމުގެ މަޝްރޫއު ކުރިއަށް ގެންދާނެ ނުވަ ރަށެއް ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަތޮޅުތަކުގައި އިސްލާމީ މަރުކަޒު ގާއިމުވެފައިވާ ތަންތަނާއި، މަރުކަޒުތައް ގާއިމުކުރެވެމުންދާ ތަންތަނާއި ބޮޑެތި އާބާދީތަކުގައި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫއު އަންނަ މަހުން ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.
އެގޮތުން ޤުރުއާން ހިތުދަސް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ދ. ކުޑަހުވަދޫ، އއ. ފެރިދޫ، ރ. އުނގޫފާރު، ހދ. ކުޅުދުއްފުށި، ގދ ތިނަދޫ، ސ. ހިތަދޫ އަދި ލ. ގަމެވެ.
މީގެ އިތުރުން، ގުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްތަކާއި ގުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވާންދެން ހުއްޓިފައިވާ ރަށްތައް ފާހަގަކޮށް، އެ ތަންތަނުގައި ކިޔަވައިދޭން ފެށުމަށް ނިންމާފައިވާކަން ވެސް މިނިސްޓަރު ވަނީ އިއުލާނު ކުރައްވާފައެވެ.
އެގޮތުން އެ ރަށްތަކުގައި ޤުރުއާން އަލަށް ކިޔަވައިދިނުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ގާރީ ކޯސް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.
ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން ޚަރަދުކޮށް ޤުރުއާން ޓީޗަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ ރަށްތަކަކީ ރ. މަޑުއްވަރީ، ނ. ވެލިދޫ، ތ. ކިނބިދޫ، ތ. ގުރައިދޫ، ގދ. ގައްދޫ، ލ. އިސްދޫކަލައިދޫ، ހއ. އުތީމު، އަދި ދ. މީދޫއެވެ.
ޝަހީމް ވިދާޅުވީ، މިރަށްތަކުގައި ވެސް އަންނަ މަހުން ފެށިގެން މަރުކަޒުން މުސާރަ ދޭ ގޮތަށް މަރުކަޒުގެ ގޮފިތަކުގައި ޓީޗަރު ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެ އިތުރުން، ފުވައްމުލަކުގައި ހިންގާ ގުރުއާން މަރުކަޒަށް، އެ ތަން ހިންގާނެ ކޯޑިނޭޓަރަކާއި އިދާރީ މުވައްޒަފުން ވެސް ހަމަޖައްސާނެ ކަމަށްވެސް ޝަހީމް ވިދާޅުވެފައިވެއެވެ.

