ދުންފަތުގެ ޖެނެރޭޝަން ބޭން ތަންފީޒު ކުރަން ނިންމުމުގައި، ގިނަ ރައްޔިތުން ހުށަހެޅި ގޮތަށް އަމަލު ކުރަން ނުނިންމެވި ސަބަބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެދެއްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އަލިއަޅުވައިލެއްވީ، ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓުގެ ހަތަރުވަނަ އެޕިސޯޑުގްއެވެ.

01 ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ އަދި މި ތާރީޚުގެ ފަހުން އުފަންވާ ހުރިހާ ކުދިން، ދުންފަތުގެ ބާވަތްތައް ގަތުމާއި، ވިއްކުމާއި، ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރުމަށް، ވަޒީރުންގެ ލަފާފުޅާއެކު ރައީސް މުއިއްޒު ވަނީ ނިންމަވައިފައެވެ.

މި ނިންމެވުމުގެ ކުރިން އެކްސްގައި މި ބޭންއާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލަށް އެދިވަޑައިގެން ރައީީސް ނެންގެވި ޕޯލެއްގައި، ގިނަ ރައްޔިތުން ތާއީދު ކުރީ، 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައި ތިބި މީހުންނަށް ދުންފަތް މަނާ ކުރުމަށެވެ. ނަމަވެސް ސަރުކާރުން އެގޮތަށް ނިންމަވާފައެއް ނުވެއެވެ. ރައީީސް މުއިއްޒު ވަނީ ސަބަބު ވެސް ވިދާޅުވެދެއްވައިފައެވެ.

ދުންފަތުގެ ޖެނެރޭޝަން ބޭން ތަންފީޒު ކުރުމުގައި ސަރުކާރުން ބަލާފައިވާނީ، ރައްޔިތުންނަށް ބަލައިގަންނަން ވީހައިވެސް ބޮޑަށް ފަސޭހަވާނެ ގޮތަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރަން ނިންމީ، ރައްޔިތުންނަށް ކަމެއް މަޖުބޫރު ކުރާއިރު، އެކަމުގެ މެދުމިން އިހްތިޔާރު ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”މިކަމުގައި މިހާރު ތިބި ޒުވާނުންނަށް، މިކަމުން ނުކުމެވޭނެ ގޮތެއް ވެސް ހަދަން ބޭނުން، އަދި މައިންބަފައިންނަށް ވެސް، ޒުވާނުން އެކަމުން ދުރުކުރަން ފުރުސަތު ދޭންވެސް ބޭނުން. ރަނގަޅު ނަތީޖާއެއް ނުކުންނަން އަޅުގަނޑު ބޭނުން މިކަމުގައި.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާނޫނު ހަދައި ތަންފީޒުކޮށްގެން ދުންފަތް މަނާ ކުރަން އުޅޭއިރު، އެކަން ކުރަންވާނީ ނަތީޖާ ނުކުންނާނެ ގޮތަށް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

”އަޅުގަނޑުގެ މަގްސަދަކީ ރާއްޖޭގެ ރައްޔިތުން ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރު ކުރުވުން. އެންމެން ވެސް ދުރު ކުރުވުން، ވަކި އުމުރެއް ނޫން.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ، އެ ނަތީޖާ ހާސިލު ކުރުމަށް އެންމެ ފަހި ވާނެ ގޮތަކަށް ފެނިވަޑައިގަތީ، ދެވަނައަށް އެންމެ ގިނަ ރައްޔިތުން އެދުނު ގޮތް ކަމުގައިވާ، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރުން ކަމުގައެވެ.

ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެކެވެ.