މަސްވެރިންނަށް 470 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ”ރައްޔިތުންނާއެކު“ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، 48 ގަޑިއިރު ތެރޭ ފައިސާ ދެވޭ ގޮތަށް ކުރެއްވި އިންތިޒާމުގެ ނަތީޖާއެއްގެ ގޮތުން، ކުރީގައި ދޯނިން ފޭބި ޒުވާނުން އަލުން މަސްވެރިކަމާ ގުޅިފައިވާ ކަމަށާއި ގަވާއިދުން ފައިސާ ލިބޭނޭ ކަމުގެ އިތުބާރު ޒުވާނުންނަށް ލިބުމުން، ދިވެހި މަސްދޯނިތަކުގައި މަސައްކަތްކުރަނީ ދިވެހިން ކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާސިލުވުމުގެ މަގުވެސް ތަނަވަސްވެގެންދާނެ ކަމަށެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުންފެށިގެން މިއަދާ ހަމައަށް، އެންމެ ދުވަހެއްވެސް ވައްޓާނުލައި މަސްވެރިންނަށް ފައިސާ ދެވެމުންދާ ކަމަށާއި، މި މުއްދަތުގެ ތެރޭގައި 470 މިލިޔަން ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އަދި ވަކި ވަކި މަސްވެރިން ދަފުތަރު ކުރެވެމުންދިއުމުން، މަސްވެރިކަމަކީ ދެމެހެއްޓެނިވި އާމްދަނީ ލިބޭ ކަމެއްގެ ގޮތުގައި ބޭންކުތަކުން ބަލައިގަންނާނެ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަސްވެރިކަމަށް ބޭނުންވާ ކަނދުފައްޗަށް އިޝާރާތްކުރައްވަމުން ރައީސް ވިދާޅުވީ، މި ދައުރުގެ މިހާތަނަށް 18 ވަދު ކަނދުފަތި ގާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ގާއިމުކުރެވިފައިވާ ކަމަށެވެ.