މަޖީދިއްޔާ ސްކޫލަކީ މި ގައުމުގެ އެންމެ ޝަރަފުވެރި، އިލްމީ ބަގީޗާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އެ ސްކޫލަށް 98 އަހަރު ފުރުމާ ގުޅިގެން އެކްސްގައި އާއްމު ކުރެއްވި ތަހުނިޔާގެ މެސެޖެއްގައެވެ.

ރައީސް ވިދާޅުވީ މަޖީދިއްޔާގެ ”ފަހުރުވެރި ހިޔަލުން“ މި ހައުމަށް ގެނުވި ކުރިއެރުމާއި، ”މަޖީދިއްޔަ ނޫރުން“ މި ގައުމަށް ދިން އިލްމީ އަލިކަމުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށެވެ.

މަޖީދިއްޔާއަކީ ދިވެހިރާއްޖޭގެ ނިޒާމީ ތައުލީމުގެ އުނގު ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

”މި ގައުމުގެ އެންމެ ޝަރަފުވެރި ”އިލްމީ ބަގީޗާ“. މަޖީދިއްޔާގެ ހަނދާންތައް ދިވެހި ތާރީހުގަައި ބިންވަޅު ނެގިފައިވަނީ ފަނޑުވުމެއްނެތް ޒިކުރާތަކާ އެކު. ދިވެހިރާއްޖޭގެ ތައުލީމުގެ އެންމެ ނަންހުރި ބިނާއަށް 98 އަހަރު ފުރޭ މި ތާރީހީ މުނާސަބާގެ ހެޔޮއެދުންތައް ސްކޫލުގެ އެހާރާ މިހާރުގެ ދަރިވަރުންނަށް، ބެލެނިވެރީންނަށް، މުދައްރިސުންނަށް، ހިންގުންތެރީންނަށް، ހިދުމަތްތެރީންނަށް އަރިސްކުރަނީ ހިތުގެ ފުންމިނުގެ ލޯތްބާއި، ހެޔޮ ދުއާތަކާ އެކު.“ ރައީސް ވިދާޅުވިއެވެ.

ރައީސްގެ ޕޯސްޓުގައި، އެ ސްކޫލްގެ ލަވައިގެ ބައެއް ވެސް ލިޔުއްވައިފައިވެއެވެ.

”މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރާ ފުރާށޭ ދަރީން ހިތް އުލޫމުން މިތާ ކުރާށޭ ފިދާ ޖާނު ވަތަނަށްޓަކައި މި މަތިވެރި އިލްމީ އިމާރާތްތަކަށް އެދޭނީ ހަޔާތާ އުޖާލާ ކަމަށް“ އެމަނިކުފާނު ލިޔުއްވިއެވެ. 

މަޖީދިއްޔާ ސްކޫލަށް 98 އަހަރު ފުރުނުއިރު، އެކަން ފާހަގަކުރާ މުނާސަބަތުގައި އެ ސްކޫލްގެ އައު އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރުން އޮންނާނެ ކަމަށް ރައީީސް މުއިއްޒު ދާދި ފަހުން ވިދާޅުވިއެވެ.