ދިވެހި މުޖުތަމައުގައި ހުރި އެކި ކަހަލަ ނޭދެވޭ އިޖުތިމާއީ ބަލިތަކުން މުޖުތަމައު ސަލާމަތް ކުރުމަކީ، ކޮންމެ ދާއިރާއަކުން ކަމުގައި ވީ ނަމަވެސް، އިލްމު ލިބިފައިވާ މީހުންގެ ޒިންމާއެއް ކަމަށާއި، ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައަކަށް ހެދުމަށް އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ، މި ކުޑަކުޑަ ދިވެހި މުޖުތަމައު އިސްލާހުކުރެވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވެ، ނަސޭހަތްތްތެރިވެވަޑައިގެންފައި ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރޭ، އެ ޔުނިވަރސިޓީގައި ވާހަކަފުޅުދައްކަވަމުންނެވެ.

އަޅުގަނޑުމެންގެ ކިބައިގައި ގައުމުގެ ކަންކަން ހެޔޮ މަގުން ކުރިއަށް ގެންދިއުމުގެ ވިސްނުން ނެތްނަމަ، ގައުމުގެ ކަންކަން އިސްލާހުވެގެންދާނީ ކޮންފަދައަކުންތޯއޭ ވިދާޅުވެ، ސުވާލު އުފައްދަވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ، މާތްވެގެންވާ ކީރިތި ޤުރުއާނުންވެސް އަޅުގަނޑުމެންނަށް ދައްކުވައިދޭ މަގަކީ މިއީ ކަން ހަނދާންކޮށްދެއްވާފައެވެ.

ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، އިސްލާމީ ރިވެތި އަހުލާގު އަށަގެންނެވުމަށް މަސައްކަތްކުރުމަކީ އިލްމު އުނގެނިގެން ތިބި ބައެއްގެ މައްޗަށް އޮތް ޒިންމާއެއް ކަމަށާއި، މިއީ އެކަމަކާ މެދު ސުވާލުވެވޭނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމަށް ދިމާވެފައިވާ މައްސަލަތައް، ހައްލުކުރުމުގެ ހިޔާލާއި ފިކުރު ނެތް ކަމުގައި ވަނީ ނަމަ، ގައުމުގެ ކަންކަން އިސްލާހު ނުވާނެ ކަމަށާއި، މައިންބަފައިންގެ އަޒުމަކަށް ވާންވީ ދަރީންނަށް ލިބުނު ކާމިޔާބީއާއެކު އެ މަގު ދައްކައިދިނުން ކަމަށާއި، ތައުލީމީ މުއައްސަސާގެ ޒިންމާއަކަށް ވާން ވާނީ މި ރޮނގުން އިތުރު ކުރިއެރުންތައް ހޯދުމަށް މަސައްކަތްކުރުން ކަމުގައިވެސް ރައީސަ ވިދާޅުވިއެވެ.

ރިވެތި އަހުލާގުން ޖަރީވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މަސައްކަތްތަކެއް ކޮށްފިކަމުގައިވާނަމަ، ދިވެހި މުޖުތަމައު އިސްލާހު ކުރެވޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި އުސޫލުން ކަންކަން ބައްޓަންކުރަން މަސައްކަތްކުރުމަށް ލޯމަރާލެވެން ނެތް ކަމަށާއި، މި ފިކުރު އަށަގެންނެވިގެން ނޫނީ، މުޖުތަމައުގައި ހުރި މުންކަރާތްތަކަށް ނޫނެކޭ ބުނެވެން ނޯންނާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ ވަރުގަދަ ކުރެއްވުމަށްޓަކައި، މާތް ﷲގެ އިރާދަފުޅާއެކު، އެމަނިކުފާނުގެ ސަރުކާރުން ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ޖާގައާއި ވަސީލަތުގެ ގޮތުން ޔުނިވަރސިޓީއަށް ބޭނުންވާ ކުރިއެރުންތައް ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރޭގެ ދަސްވެނިވުމުގެ ރަސްމިއްޔާތަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމު ފެތުރުމުގެ ތާރީހުގައިވެސް ފާހަގަކުރެވިގެންދާ ރަސްމިއްޔާތެކެވެ.

އެގޮތުން، ދިވެހިރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މުޢައްސަސާއަކުން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ބޭފުޅަކަށް ފުރަތަމަ ފަހަރަށް އަރުވާފައި ވަނީ ރޭގެ ރަސްމިއްޔާތުގައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އަރުވާފައި ވަނީ، ދިވެހިރާއްޖޭގައި އަރަބި އިސްލާމީ ތަޢުލީމު ފެތުރެއްވުމުގައި ބައި ގަރުނަށްވުރެ ގިނަ ދުވަސްވަންދެން ހިދުމަތްކުރައްވާފައިވާ ފަޟީލަތުއްޝައިހު އިސްމާއީލު މުހައްމަދަށެވެ.

ފަޟީލަތުއްޝައިހު އިސްމާއީލު މުހައްމަދަށް މި ޝަރަފު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ސަނަދު ހާސިލުކުރި ބައެއް ދަސްވެނީންނާއި، މަތީ ވަނަތައް ހާސިލުކުރި ދަސްވެނީންނަށްވެސް ރައީސް ވަނީ ހަނދާނީ ލިޔުމާއި އިނާމު ހަވާލުކޮށްދެއްވާފައެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން މި އަހަރު 900 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ދަސްވެނިވެފައެވެ.