އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ އާ އިމާރާތް އެޅުމަށް އެޅުމަށް ހުޅުމާލެއިން ބޮޑު ބިމެއް ހަމަޖައްސާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އައިޔޫއެމްގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އައިޔޫއެމްގެ ކުރިމަގު ސަރުކާރުން ވަރަށް އިސްކަންދީގެން ބައްޓަން ކުރާނެ ކަމަށާއި ސަރުކާރުގެ މެނިފެސްޓޯގައިވެސް ހިމެނޭހެން އައިޔޫއެމްގެ ވަރުގަދަކުރުމަށް ގިނަ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އެގޮތުން އައިޔޫއެމް އިން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި އިމާރާތްކުރާ ’ސަނާބިލް‘ އިމާރާތުގެ އަމަލީ މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެއީ ވެސް ސަރުކާރުގެ ސިޔާސަތު އެގޮތަށް ބައްޓަންކޮށްފައި އޮތުމުން މަގުފަހިވެގެންދިޔަ ކަމެއް ކަމަށް ވިދާޅުވެފައެވެ.

އެއީ ނުކުރެވި ދިގުލައިގެން ގޮސްފައިވާ ކަމަށާއި އެ މަޝްރޫއާއެކު އައިޔޫއެމް އަށް ލިބޭނެ ވަރަށް ގިނަ ކުރިއެރުންތަކެއް ހުރިކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

”އަދި އިރާދަކުރެއްވިއްޔާ ހުޅުމާލެ އިން ބޮޑު ބިމެއް ހަމަޖައްސައިދީ، އެ ތަނުގައި އިސްލާމީ ޔުނިވާސިޓީގެ ކުރިމަގު ފުރިހަމަ ގޮތުގައި ބައްޓަން ކޮށްދިނުމަކީ އަޅުގަނޑުމެންގެ އަޒުމް. އެ ބިމުގެ ކަންތައްތައް މިހާރު އެ ވަނީ ހަމަޖެހިގެން ގޮސްފައި،“ ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، އައިޔޫއެމް އަށް ޖާގައިގެ ގޮތުންނާއި ވަސީލަތުގެ ގޮތުން ކޮށްދޭންޖެހޭ ކަންކަން އުފަލާއެކު ކޮށްދެއްވާނެ ކަމަށެވެ.