މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ.ސަލާހުލް ބުދައިރު ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރު ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އިސްލާމީ މަރުކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިހު މުހައްމަދު ލަތީފުގެ އިތުރުން މިނިސްޓްރީގެ އިސްވެރިންނެވެ.
އެމަނިކުފާނަށް އެއާޕޯޓުން ވަނީ ރަތްދޫލައިގެ މަރުހަބާއެއް ދަންނަވާފައެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރައީީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަހުސިއްޔަތުތައް ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމިކް މިނިސްޓްރީން އެރުވި ދައުވަތުގައި ކުރައްވަވާ ދަތުރުފުޅެކެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ރައީީސް މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމަނިކުފާނުގެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ބައްދަލުކުރެއްވުމާއި، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައިވެއެވެ.
އަދި ޒުވާން ހަތީބުންނާއި ހާފިޒުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ އިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ގައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސައުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.
ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުދައިރު، 23 އޭޕްރިލް 2025 ވާ ބުދަ ދުވަހުގެ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 24 އޭޕްރިލް 2025 ވާ ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިހު ޑރ. ސަލާހުލް ބުރައިދުއެވެ.

