ހިޔާވަހި ފައިނޭންސިން ސްކީމަށް ކުރެހުން ހުށަހެޅުމުގެ އުސޫލަށް ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާވަހި ފައިނޭންސިން ސްކީމަށް ހުށަހެޅުމުގައި ފާސްކުރެވިފައިވާ ކުރެހުން ހުށަހެޅުމަށް ކަނޑައަޅާފައިވަނީ ބޭންކުތަކުން ފާސްކުރެވިފައިވާ ކުރެހުން ބޭނުންވާތީ ކަމަށެވެ.

ނަމަވެސް ވަރަށް ގިނަ ފަރާތްތަކުން، މި ސްކީމަށް މާލޭ ސިޓީ ކައުންސިލަށް ކުރެހުން ހުށަހަޅާފައިވާތީ މި ކުރެހުންތައް ފާސްކުރުމަށް ވަރަށް ގިނަ ދުވަސް ނަގާނެތީ ކައުންސިލުން ފާސްކުރި ކުރެހުން ނެތް ނަމަވެސް އިންޖިންނިއަރު އަދި އާކިޓެކްޓް ސްޓޭމްޕްކޮށްފައިވާނަމަ މި ސްކީމަށް ހުށަހެޅޭ ގޮތަށް އުސޫލަށް ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެއިތުރުން އިވެލުއޭޝަންގެ މަސައްކަތް ކުރިއަށްދާއިރު ފާސްކުރި ލިޔުން ހުށަހެޅުމަށް ފުރުސަތު ދެވޭނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.

މި ފައިނޭންސިންގެ ދަށުން ޖުމްލަ ތިން ސްކީމެއް ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން ފުރަތަމަ ސްކީމު ހާއްސަ ކޮށްފައިވަނީ އަތޮޅު ތެރޭގެ ރަށްތަކަަށެވެ. އެ ސްކީމުގެ ދަށުން އެއް މިލިއަން ރުފިޔާއާ ހަމައަށް ހައުސިން ޑެވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) މެދުވެރިކޮށް ލޯނު ލިބޭނެ އިރު، މި ލޯނުގެ ދަށުން އެއްވެސް އިކުއިޓީއެއް ދައްކަން ނުޖެހޭނެއެވެ.

ދެވަނަ ސްކީމު ކަނޑައަޅާފައިވަނީ އާބަން ސެންޓަރުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ ރަށްތަކަށް ވާއިރު، އެ ސްކީމުގެ ދަށުން ތިން މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ލިބޭނެއެވެ.

އަދި ތިން ވަނަ ސްކީމުގެ ދަށުން މާލެ އަށް ހަ މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާއިރު، އެ ސްކީމުގެ ދަށުން 600 އަކަފޫޓަށް ވުރެ ކުޑަ ދެ ބިން ނުވަތަ އެއަށް ވުރެ ގިނަ ބިން އެއްކޮށްލައިގެން ލޯނަށް ހުށަހަޅާ ފަރާތްތަކަށް، އިތުރުކުރާ ކޮންމެ ބިމަކަށް އެއް މިލިއަން ރުފިޔާ ލޯނަށް އިތުރުކުރުމުގެ ފުރުސަތު ލިބޭނެއެވެ.