ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުގައި ވަރަށް ބަދަހި ގުޅުމެއް އެބައޮތް ކަމަށާއި، މަސައްކަތް ކުރަނީ އެއް އަމާޒަކަށް ވާސިލުވުމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސައީދު މިހެން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ މިނިސްޓަރު ސައީދަށް އިތުބާރު ކުރައްވަވާތޯ، ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.

ނޫސްވެރިޔާގެ ސުވާލުގައި ވަނީ ސަރުކާރުން ފެށި ބަންކަރިން މަޝްރޫއު ކާމިޔާބު ނުވާކަމަށް ބުނެ، އެކަމާ ގުޅިގެން، ރައީސްގެ އިތުބާރު މިހާރު މިނިސްޓަރަށް އޮތްތޯ އަހައިފައެވެ.

ސައީދު ވިދާޅުވީ، މުޅި ސަރުކާރު ވެސް ކުރިއަށްދަނީ، އެއް ފިކުރެއްގައި މަސައްކަތްކުރާ، އެއްބައެއްގެ ގޮތުގައި ކަމަށެވެ.

”އެހެންވީމަ، އެއް އަމާޒަކަށް ކުރިއަށްދާއިރު، އަޅުގަނޑުމެން ހާސިލު ކުރަން މި ބޭނުންވަނީ ރައީސުލްޖުމްހޫރިއްޔާގެ ލަނޑުދަނޑިތަކެއް.“ ސައީދު ވިދާޅުވިއެވެ.

ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ރައީސް މުއިއްޒު ވަރަށް ގިނަ ގުނަ މަސައްކަތްޕުޅުތަކެއް ކޮންމެ ދުވަހަކު ވެސް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ސައީދު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު އަކީ ތަފާތު ބޭފުޅެއް ކަމަށާއި، ރައްޔިތުންގެ ކަންބޮޑުވުން ހުރި ގިނަ ކަންކަން ހައްލު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.