ރާއްޖޭގައި މި ސަރުކާރުން އަލަށް ފެށި ބަންކަރިންގެ ހިދުމަތުން އުއްމީދީ، ރަނގަޅު ނަތީޖާއެއް ލިބެމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ނިމުނު އަހަރުގެ ސެޕްޓެމްބަރު މަހުގައި ރާއްޖެއިން ބަންކަރިންގެ ހިދުމަތް ފެށީ ދުނިޔޭގެ ހަކަތައިގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ކުންފުނި، ވިޓޯލްއާ ގުޅިގެންނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ބަންކަރިންއަކީ ބައިނަލްއަގުވާމީ ބޮޑު ވިޔަފާރިއެއް ކަމަށެވެ.
އެ ހިދުމަތުން ލިބޭ އާމްދަނީ ކޮންމެ ދުވަހަކު މީޑިއާއާ ހިއްސާނުކުރެވުނު ނަމަވެސް، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ މާލީ ހިސާބުތަކުން އެ އަދަދުތައް ފެންނަން ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި މަސައްކަތް ހަވާލުކުރީ އެސްޓީއޯއަށް. އުންމީދީ ރަނގަޅު ނަތީޖާއެއް ލިބެމުން އެބަދޭ. ޓާގެޓް ކުރިގޮތަށް ކުރިއަށްދޭ،“ ސައީދު ވިދާޅުވިއެވެ.
ބަންކަރިންގެ ހިދުމަތް ފަށާ ދުވަހު ރާއްޖޭގެ ޖީޑީޕީގެ ތެރެއަށް 400 މިލިއަން ޑޮލަރު ވަދެގެންނާނެ ކަމަށް އެއްވެސް އިރަކު ދަންނަވާފައި ނުވާނެ ކަމަށާއި، އެއީ ބަޔަކު އޮޅުވައިލައިގެން ފެތުރި ވާހަކައެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ައަދި ބަންކަރިންގެ ހިދުމަތް ހުއްޓާ ނުލާ ކަމަށް ވެސް ސައީދު މިއަދު ވިދާޅުވިއެވެ.

