ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން މާލޭގެ ބާޒާރުމަތިން 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށްޓަކައި ޓާސްކް ފޯސްއިން  ކުރިއަށްގެންދިޔަ ރެއިޑު އޮޕަރޭޝަނެއްގައި، މާލޭގެ ބާޒާރުމަތި ސަރަހައްދުގައި ހިންގަމުންދާ ގުދަންތަކާއި ފިހާރަތައް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި މި ތަންތަނުގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ އަށް ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް، އެމީހުން އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް އިމިގްރޭޝަނުން  ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000އަށްވުރެ ގިނަ ބިދޭސީން ފޮނުވައިލެވިފައިވެއެވެ.