ދުންފަތުން ލިބޭ އާމްދަނީ އިތުރު ކުރަން ސަރުކާރުން ބޭނުންވާނަމަ، އެއްވެސް ބަޔަކަށް ދުންފަތް މަނާ ނުކުރާނެ ކަމަށާއި، ޖެނެރޭޝަނަލް ބޭންއެއް ތަންފީޒު ކުރަން ނިންމީ ރައްޔިތުންގެ ސިއްހަތަށްޓަކައި ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، ދިވެހި ޒުވާނުންގެ އާބާދީއަށް ހާއްސަކޮށްގެން، މީސްމީޑިއާގައި މިއަދު އާންމުކުރި ސިލްސިލާ ޕޮޑްކާސްޓް ”ސްޕޮޓް އޮން“ގެ ފުރަތަމަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

”ރެވެނިޔު އިތުރު ކުރަން ބޭނުންވަންޔާ ވީ ވިލް ނޮޓް ބޭން އެނީތިން.“ ރައީީސް ވިދާޅުވިއެވެ.

ދުންފަތް އެއްކޮށް މަނާ ކުރުމުގެ ބަދަލުގައި، 2007 ވަނަ އަހަރުން ފެށިގެން އުފަންވާ ކުދިންނަށް ދުންފަތް މަނާ ކުރުމަށް، ނުވަތަ ”ޖެނެރޭޝަން ބޭން“ އެއް ތަންފީޒު ކުރަން ފަށަން ނިންމެވި ސަބަބާ ގުޅޭގޮތުން ރައީސް މުއިއްޒު ވިދާޅުވީ، އުމުރުން 30 ނުވަތަ އެއަށްވުރެ ދޮށީ މީހުންނަށް ދުންފަތާ ދުރުވާން މަޖުބޫރުކޮށްފިނަމަ، ކުއްލިއަކަށް އެކަން ކުރަން އުނދަގޫ ވެދާނެ ކަމަށާއި، ނަމަވެސް އަލަށް ފަށާ ޒުވާނުންނަށް އެކަމާ ދުރުވާން އެއަށްވުރެ ފަސޭހަވާނެ ކަމަށެވެ.

އަދި ޖެނެރޭޝަން ބޭން ތަންފީޒު ކުރަން ފަށަން ނިންމީ، ދިވެހި އެންމެހައި ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”18 އަހަރު ވެގެން، އެ ސްމޯކް ކުރަން ފަށަން ހުއްދަ ލިބޭ އޭޖު ފެށޭތަނުން މަނާ ކުރިއްޔާ، އެ ކުދިންނަށް ފަސޭހަވާނެތާ، އޭގެތެރެއަށް ނުގޮސް ސަލާމަތްވާން.“ ރައީސް ވިދާޅުވިއެވެ.

ރައީީސް އިތުރަށް ވިދާޅުވީ، ރާއްޖެއަކީ ދުޅަހެޔޮ، އަދި ”އެކްޓިވް“ ރައްޔިތުން އުޅޭ ގައުމަކަށް ހެދުމަށް އެމަނިކުފާނު ބޭނުންފުޅުވެލައްވާ ކަމަށެވެ.