ރާއްޖޭގައި މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބު ބަދަލުވެއްޖެއެވެ.
ރާއްޖޭގައި ޒަކާތުގެ ނިސާބުގެ މިންވަރު ރިހީގެ އަގަށް ބަލައިގެން ކަނޑައެޅުމަށް ނިންމާފައިވާއިރު، ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ދިވެހި ފައިސާގެ މިންވަރު ވެސް ބަދަލުވެއެވެ.
އެގޮތުން އިއްޔެއިން ފެށިގެން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، ރިހީގެ ގްރާމަކަށް 15.57ގެ ރޭޓުން 595 ގްރާމަށްވާ 9264.15 ރުފިޔާއެވެ.
މިއީ ކުރިން މި އަދަދު ހުރި ވަރަށް ވުރެ ބޮޑު އަދަދެކެވެ.
މިދިޔަ ޖެނުއަރީ މަހު މުދަލު ޒަކާތުގެ ނިސާބު ހުރީ 8،800.05 ރުފިޔާގައެވެ.
ދުނިޔޭގެ ބާޒާރުގެ އަގުތަކަށް ބެލުމަށްފަހު ރާއްޖޭގައި ރަނާއި ރިހީގެ އަގުތައް ހާމަކުރަނީ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިންނެވެ.
އެގޮތުން، ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގުތަކަށް ބަދަލު އަންނަނަމަ، މުދަލު ޒަކާތް ވާޖިބުވާ ނިސާބަށް ބަދަލު އާދެއެވެ.
އެމްއެމްއޭއިން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރިހީގެ އަގުހުރީ ގްރާމަކަށް 15.57 ރުފިޔާ އަދި ރަނުގެ އަގުހުރީ ގްރާމަކަށް 1601.52 ރުފިޔާގައެވެ.
މުދަލު ޒަކާތުގެ ނިސާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ.
