އިންޑިއާގެ ޕެހެލްގާމްގައި އިއްޔެ ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

މައުސޫމު އެތައް ބައެއްގެ ފުރާނަ ގެއްލުވާލައި ގިނަ ބަޔަކު ޒަހަމުކޮށްލި އެ ހިތާމަވެރި ހަމަލާގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި ހައިރާންކަމާއެކުގައިކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަމަންއަމާންކަމާއި، ރައްކާތެރިކަމާއި ޑިމޮކްރަސީގެ އަސާސްތަކަށް ޓެރަރިޒަމް ކުރިމަތިކުރާ ނުރައްކަލަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ހުރިހާ ބާވަތެއްގެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރެއްވުމުގައި ދިވެހިރާއްޖެއިން ސާބިތު އަޒުމެއްގައި ދެމިއޮތްކަން ހާމަކުރައްވާފައެވެ.

އިއްޔެގެ މި ހަމަލާއިންވެސް ހަނދާންކޮށްދެނީ، ބައިނަލްއަގްވާމީ އެއްބައިވަންތަކަމާއި، އެއްބާރުލުމާއި ގައުމުތަކުން އެކުގައި މަސައްކަތްކުރުމަށް މިހާރުން މިހާރަށްވެސް ބޭނުންވެފައިވާ މިންވަރުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނުގެ މެސެޖުގައި ވަނީ އެ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ދިވެހި ރައްޔިތުންގެ ނަމުގައި އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެ، ހަމަލާގައި ޒަހަމްވީ މީހުންނަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދިވަޑައިގެންފައެވެ.

އަދި މި ހުތޫރަތްތެރި ދަނޑިވަޅުގައި ބޮޑުވަޒީރާއި ރައްޔިތުންނާއެކުގައި ހުންނެވިކަން އެމަނިކުފާނުގެ މެސެޖުގައި ވަނީ ހާމަކުރައްވާފައެވެ.

މި ހާދިސާއާ ގުޅިގެން ރައީސް ވަނީ، އެމަނިކުފާނުގެ ރަސްމީ އެކްސް އެކުންޓުގައިވެސް، ތައުޒިޔާގެ މެސެޖެއް ހިއްސާކުރައްވާފައެވެ.