މިދިޔަ ހުކުރު ދުވަހުގެ ހެނދުނު މާލޭގެ އިމާރާތެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓިފައި އޮތް މައްސަލައިގައި، ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ގުޅުވައިގެން ދައްކާ ބައެއް ވާހަކަތައް އޭނާ ދޮގުކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ފުރާޅު މައްޗަށް ވެއްޓުނު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނާއާއެކު ހަތް މީހަކު ހަރަކާތްތެރިވިއެވެ.
އެއީ ޔުމްނާގެ އިތުރުން ދެ އަންހެނަކާއި ފަސް ފިރިހެނުންނެވެ. އެމީހުން އެރޭ އުޅުނީ ޕާޓީ ކުރުމުގައިކަން ފުލުހުން ދިން މައުލޫމާތުން ވެސް ޔަގީން ކުރެވެއެވެ.
ޕާޓީ ކުރުމުގައި އުޅުނު 8 މީހުން އެންމެ ފުރަތަމަ ދިޔައީ ޓްރާންސްޕޯޓް މިނިސްޓަރުގެ ގެއަށް ކަމަށް މީސްމީޑިއާގައި އަޑު ފެތުރުނެވެ. ނަމަވެސް ފުލުހުން އެ މައުލޫމާތު މީޑިއާތަކާ ހިއްސާކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅޭގޮތުން މިނިސްޓަރު އަމީން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ބަޔަކު އޭނާ ދިރިއުޅުއްވާ އިމާރާތުގައި އެއްވުމެއް ބޭއްވި ކަމަށެވެ.
އެ ގެއަކީ އަމީންގެ އެއްބަނޑު އެއްބަފާ ތިންބެއިންގެ މައްޗަށް ރަޖިސްޓްރީކޮށްފައިވާ ގެއެއް ކަމަށާއި، އެއީ މިނިސްޓަރަށް އެކަނި ނިސްބަތްވާ އިމާރާތެއް ނޫންކަން ވެސް ފާހަގަކުރެއްވިއެވެ.
ހާދިސާ ހިނގީ އޭނާގެ ބާރު ހިނގާ ތަނެއްގައި ނޫން ކަމަށާއި އޭނާ ދިރިއުޅުއްވާ އަމިއްލަ އެޕާޓްމަންޓުން ބޭރުގައި ހިނގާ ކަންކަން އޭނާއަށް ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ ވެސް އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށެވެ.
އެ ހާދިސާގައި މިނިސްޓަރަށް ބޮޑުބޭބެ ކިޔާ ދެ މީހަކުވެސް ހިމެނޭ ކަމަށާއި، އެ މީހުންނާ ސުވާލުކުރަން ފުލުސް އޮފީހަށް ގެންދިޔަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަމީން ވިދާޅުވީ، މިއަދާ ހަމައަށްވެސް، މި މައްސަލައިގެ ތަހުގީގާ ބެހޭ އަޕްޑޭޓްތައް ހޯދުމަށް، ނުވަތަ އެއްވެސް ތަހުގީގަކަށް ނުފޫޒު ފޯރުވުމަށް، ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނުވަތަ ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތަކާ ގުޅައި ނުވަތަ މުއާމަލާތްކޮށްފައެއް ނުވާނެ ކަމަށެވެ.
މިނިސްޓަރު އަމީން ވަނީ، ފުރާޅަށް ވެއްޓި ބޮޑު އަނިޔާއެއް ލިބުނު ހައްވާ ޔުމްނާ އަށް އަވަސް ޝިފާއަކަށް އެދި ދުއާކުރައްވާފައެވެ.

