ޒުވާން އަންހެނަކު މާލޭގެ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކުރެވިފައި ނުވަނީ ”ޕޮލިޓިކަލް ކަނެކްޝަން“ ނުވަތަ ސިޔާސީ ގުޅުންތަކުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ، ހުކުރުވިލޭރޭ ހިނގައިދިޔަ މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކުރެވޭ މިންވަރަށް ހެކި ހުންނާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އެހެންނަމަވެސް، އެކަން ނުވަނީ، ސިޔާސީ ކަނެކްޝަންތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނާ (21 އ) އަކީ،  ސިޔާސީ ގޮތުން ނުފޫޒު އޮންނަ އާއިލާއަކަށް ނިސްބަތްވާ މީހަކަށްވީނަމަ، އެންމެ ފުރަތަމަ ދުވަހު ވެސް، މި މައްސަލައިގައި މީހަކު ހައްޔަރު ކުރީސް ކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި، މިއީ ”ކުޑަ މީހާއަށް ކުޑަ އިންސާފު“ ލިބުނު މައްސަލައެކެވެ.

މި މައްސަލައިގައި ރޭ ޒުވާނުންތަކެއް އެއްވުމެއް ބާއްވާފައިވެއެވެ. މިކަމުގައި ސާފު ނުވާ ގިނަ ކަންކަން ހުރި ކަމަށާއި، ވެއްޓުނު ޒުވާނާއާއެކު އުޅުނު ފިރިހެންމީހާ ހައްޔަރު ކުރުމަށް ވެސް އެއްވި ޒުވާނުން ގޮވައިލިއެވެ.

މި އެއްވުން ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ފުލުހުން އެއްބާރުލުން ދީފައިވެއެވެ.

ރޭގެ މުޒާހަރާއާ ގުޅިގެން، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެފައި ވަނީ، މި މައްސަލައިގައި އިންސާފު ލިބިގެންދާނެ ކަމަށާއި، ޒުވާނުންގެ ކަންބޮޑުވުންތައް ސަރުކާރުން އަޑު އަހާނެ ކަމަށެވެ.