ގާނޫނު އަސާސީ ތަންފީޒު ކުރުމުގައި އެއްވެސް މީހަކަށް ހަސަބާއި، ނަސަބަށް ބެލުމެއް ނޯންނާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
އެކްސްގައި އެމަނިކުފާނު މިއަދު ވިދާޅުވީ، ގާނޫނު އަސާސީ އާއި ގާނޫނުތައް ތަންފީޒުކުރުމުގައި، ގާނޫނުގެ ވެރިކަން (ރޫލް އޮފް ލޯ) މި ގައުމުގައި ހިންގުމުގައި އެއްވެސް މީހަކު ތަފާތެއް ނުކުރައްވާ ކަމަށާއި، ނުވަސް ކުރައްވާނެ ކަމަށެވެ.
”އެ މީހެއްގެ ހަސަބަކަށް، ނަސަބަކަށް، މަގާމަކަށް، މުއްސަނދިކަަމަކަށް، ރަޙްމަތްތެރިކަމަކަށް، އާއިލީ ތިމާގެ ކަމަކަށް، ސިޔާސީ ފިކުރަކަށް، އަދި އެ ނޫންވެސް ކަމަކަށް ބަލާ، މިކަމުގައި ކުރާނެ ތަފާތު ކުރުމެއް ނޯންނާނެ!“ ރައީސް ވިދާޅުވިއެވެ.
ީރައީސް މިގޮތަށް ވިދާޅުވީއިރު، ވެރިރަށް މާލޭގެ ގެއެއްގެ ތެރޭގައި 9 ޒުވާނުން ޕާޓީކޮށް، މަސްތުވާތަކެތި ބޭނުން ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
މިކަމުގެ ތެރެއިން، އުމުރުން 21 އަހަރުގެ ޒުވާނަކު އުސް އިމާރާތުން ވެއްޓުނު މައްސަލަ ފެންމަތިވެ، އެކަން ވަނީ ހޫނުވެފައެވެ.
ޕާޓީ ކުރި މައްސަލައާ ގުޅުންހުރި ދެ މީހަކު މިއަދު ވަނީ މަގާމުތަކުން ވަކިކޮށްފައެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީ“ގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު، އެ ކޮމިޓީއިން އިސްތިއުފާ ދެއްވުމަށް ހުށަހެޅުއްވުމާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޓީއިން މިއަދު އޭނާ ވަކިކުރައްވައިފައިވެއެވެ.
ދާއޫދު ވަނީ ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުން، މުސާރަ ނުލިބޭ ގޮތަށް ސަސެންޑް ވެސް ކުރެވިފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުންނެވި އިޒްދިޔާން މުހައްމަދު މައުމޫން ވެސް އެ މަގާމުން މިއަދު ވަކިކުރައްވައިފައިވެއެވެ.

