ހ. ފެންޓޮނޯއީގެ 9 ވަނަ ފަންގިފިލާއިން، އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓުމުގެ ހާދިސާގެ ކުރިން އެ ރޭ ހިނގި ކަންކަމުގެ ވީޑިއޯ ފުޓޭޖު ފުލުހުން މިއަދު އާންމުކުރުމުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފެންޓޯނިއާގެއިން ވެއްޓުނީ، ގ. ރަނައުރާގެއާގެ، ހައްވާ ޔުމްނު ރަޝީދު 21އެވެ.

އެޗްއާރުސީއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެ ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހާދިސާ ތަހުގީގުކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށް އަދި މައްސަލައިގައި ހިމެނޭ ބައެއް މީހުންނަކީ ދައުލަތުގެ އިސް ބައެއް ބޭފުޅުންނާ ގުޅުން ހުރި ބައެއްކަމަށް ދެކެވޭ ވާހަކަތަކަށް އެ ކޮމިޝަނުގެ ތަހުގީގުގައި ރިއާޔަތްކުރާނެ ކަމަށްވެސް ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެ ހާދިސާ އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމުން އަނިޔާވި މީހާގެ އާއިލާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން އާއިލާގެ ބަހެއް ލިބުނީ މިއަދު ކަމަށާއި އެ މައްސަލައިގައި ފުލުހުންނާއި އެހެން އިދާރާތަކުގެ މަސައްކަތްތަކާ މެދު އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.

ޖިނާއީ ތަހުގީގެއްގެ އިނީޝިއަލް ސްޓޭޖެއްގައި އަދި ހުރިހާ ހެއްކެއް އެއްކުރަމުން އަންނަ މަރުހަލާގައި ލިބިފައިވާ ވަކި ހެކިތަކެއް އެކަނި އާންމުކުރުމަކީ ތަހުގީގަށް އަސަރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ އެޗްއާރުސީއެމުން ބުންޏެވެ.

އެގޮތުން އިއްޔެ ރެއާއި މިއަދު ހެނދުނު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަނިޔާވި އަންހެން މީހާ އެންމެ ފަހުން ފެނިފައިވާ އިމާރާތާއި އެ އިމާރާތުގެ ބޭރު ފެންނަ ސީސީޓީވީ ފުޓޭޖު އެކަނި ދައްކާފައިވުމަކީ އެ ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބުންޏެވެ.