ޒުވާނުން މަސްތުގެ ހާލަތަށް ގޮސް، ހިތާމަވެރި ހާދިސާތައް ހިނގަމުންދާއިރު، ”ބިރަކާ ނުލައި މަޖާ ކުރަން“ ހިތްވަރު ދިން މީހުން މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ީރައީސް މިހެން ވިދާޅުވީ ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ހިދުމަތުން ރައްޔިތުން ދޮގު ހަދައި އޮޅުވާލައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށާއި، އެއީ ގާނޫނީ ވެރިކަން ނަގަހައްޓައި، ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރާ ހިދުމަތްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެ ހިދުމަތުން ރައްޔިތުންނަށް ދޮގު ނުހަދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

”ފުލުހުން ރައްޔިތުންނަކަށް ދޮގެއް ނުހަދާނެ، އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއީ,“ ރައީސް ވިދާޅުވިއެވެ.

ޒުވާނަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައަށް އިޝާރާތް ކުރައްވައި ރައީސް މިރޭ ވިދާޅުވީ، މި މައްސަލައިގައި ޒިންމާވާންޖެހޭނީ މީގެ އަހަރުތަކެއް ކުރިން ޒުވާނުންގެ ނާޖާއިޒު ފައިދާ ނަގައިގެން އުޅޭ ސިޔާސީ މީހުން ކަމަށެވެ.

”މިހާރު މި ހިނގައިގެން އުޅޭ ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނައިލާއިރު ވެސް، މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނޭ ގޮތުގައި، ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން، މީގެ އަހަރުތަކެއް ކުރިން“ ރައީސް ވިދާޅުވިއެވެ.

ބިރަކާ ނުލައި މަޖާ ކުރެވެން ޖެހޭ ކަމަށް ބުނި މީހުންނަށް ރައީސް ބަހުގެ ހަމަލާއެއް ދެއްވިއިރު، ރައްޔިތުން ބިރު ފަހަނައަޅައިދާން ޖެހޭ ކަމަށް މީގެ ކުރިން އިދިކޮޅު އެމްޑީޕީން ވަކާލާތު ކޮށްފައިވެއެވެ.

އެމްޑީޕީގެ ސިޔާސީ ހަރަކާތްތައް އެންމެ ބޮޑަށް އިތުރު ކުރި ދުވަސްވަރު، ބިރު ފަހަނައަޅައި ދިޔުމަށް ހިތްވަރު ދޭ ބަސްތައް ހިމަނައި، އެ ޕާޓީން ކެމްޕެއިން ލަވަތައް ވެސް ޖަހައިފައިވެއެވެ.

އެއީ ރައީީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމާ ދެކޮޅަށް އެމްޑީޕީން 2000ގެ ކުރީކޮޅު ކެމްޕެއިން ކުރަމުން ދިޔަ ދުވަސްވަރުއެވެ.

ަމިރޭގެ ޖަލްސާގައި ރައީސް އިތުރަށް ވިދާޅުވީ ޖަޒުބާތުގައި ޖެހި، މީހަކު ދައްކާވާ ވާހަކައަކަށް ހެއްލިގެން ނުވާނެ ކަމަށެވެ.

މައްސަލައެއްގެ ތަހުގީގު ފެށުމާއެކު ރައްޔިތުންނަށް އެ މައުލޫމާތު ދެވޭ ގޮތަށް ފުލުހުންގެ ޕްރޮސީޖަރ ބަދަލު ކުރުމަށް ވެސް އެދިވަޑައިގެންފައެވެ.