ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު، ”ފަހި ސިއްހަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ދުނިޔޭގެ ސިއްހަތު ދުވަހާއި ގުޅުވައިގެން ބާއްވާ ”ފަހި ސިއްހަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު، މާލޭ އަރޓިފިޝަލް ބީޗުގައެވެ.
”ފަހި ސިއްހަތު ހެލްތު ފެއާރ“ އަކީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ދުނިޔޭގެ ސިއްހަތު ޖަމުއި އްޔާ (ޑަބްލިއުއެޗްއޯ) އަދި އދ ގެ ކުޑަކުދިންގެ ޖަމުއިއްޔާ (ޔުނިސެފް) ގުޅިގެން 1 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފެއާރއެކެވެ.
”ފަހި ސިއްހަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ ޢާއިޝަތު ޝެހެނާޒް އާދަމް ދެއްކެވި ވާހަކަފުޅުގައި، މި ފެއާރއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ”ދުޅަހެޔޮ ހަށިހެޔޮ“ މުޖުތަމައުއެއް ބިނާކުރުމުގެ ވައުދުފުޅާ އެއްގޮތަށް، މުޅި ގައުމަށް އަމާޒުކުރައްވައިގެން އެމްއެންޔޫއިން ފައްޓަވާފައިވާ ކެމްޕޭނެއްކަން ފާހަގަކުރެއްވިއެވެ.
މި ކެމްޕޭން ދައްކުވައިދެނީ، ތައުލީމާއި ބައިވެރިވުން އަދި ބާރުވެރިކުރުމުގެ ޒަރިއްޔާއިން، ނުރައްކާތެރި ނުވަތަ ގައިންގަޔަށް ނާރާ ބަލިތަކާ ކުރިމަތިލައި، ސިއްހަތަށް ފައިދާހުރި ދިރިއުޅުމުގެ ވައްޓަފާޅިތައް ކުރިއެރުވުމާއި، އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުޖުތަމައުތަކެއް ބިނާކުރުމަށް، އެންމެން ގުޅިގެން ކުރާ މަސައްކަތްތަކެއް ކަމުގައި ވައިސް ޗާންސެލަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާގެ ފަރާތުން ޑޮކްޓަރ ޕަޑްމަލް ޑި ސިލްވާ އަދި ޔުނިސެފްގެ ޑެޕިއުޓީ ރެޕްރެޒެންޓެޓިވް، މިސްޓަރ އީސީ ފައިންގޯލްޑް ވާހަކަފުޅުދެއްކެވިއެވެ.
ދެބޭފުޅުންވެސް ވަނީ ސިއްހީ ދާއިރާއިން ރާއްޖެ ހޯދާފައިވާ އަދި ހޯދަމުންދާ ކުރިއެރުންތައް ފާހަގަކުރައްވައި، ތައުރީފުކުރައްވާފައެވެ.
އަދި ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިއާރުގެ މައްޗަށްވެސް އެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.
”ފަހި ސިއްހަތު ހެލްތު ފެއާރ“ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ފެއާރގެ އެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، މައުލޫމާތު އޮޅުންފިލުއްވާފައެވެ.
މި ފެއާރގައި ބައިވެރިވާ، ޑަބްލިއު.އެޗް.އޯއާއި ޔުނިސެފްގެ އިތުރުން، އެމް.އެން.ޔޫގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ހުރިހާ ޑިޕާރޓްމަންޓްތަކާއި، ސްކޫލް އޮފް މެޑިސިންއާއި، ސްކޫލް އޮފް ނަރސިންގ އާއި ދަމަނަވެއްޓާއި ކެއަރ ސޮސައިޓީ އާއި ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ޑައިބެޓިކް ސޮސައިޓީ އޮފް މޯލްޑިވްސް އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ހުޅުމާލެ ހޮސްޕިޓަލާއި ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަނާ އަދި ސުވިމް މޯލްޑިވްސް ގެ ފަރާތުން، މި ފެއާރއަށް ޒިޔާރަތްކުރާ އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވާނެއެވެ.
އަދި އެކި ދާއިރާތަކުން ހެލްތު ސްކްރީނިންގް ހެދުމުގެ ފުރުޞަތުވެސް މި ފެއާރގެ ސްޓޯލްތަކުން އާންމުންނަށް ލިބިވަޑައިގަންނަވާނެއެވެ.
ފެއާރ ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހަވީރުގެ ދަންފަޅި ކުރިއަށްދާނީ 16:00 އިން 18:00 އަށެވެ. ރޭގަނޑުގެ ދަންފަޅި ކުރިއަށްދާނީ 20:00 އިން 22:00 އަށެވެ.
ދުނިޔޭގެ ސިއްހަތު ދުވަހުގެ މި އަހަރުގެ ޝިޢާރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ”ދުޅަހެޔޮ ފެށުމެއް، އުއްމީދީ މުސްތަގުބަލެއް،“ މި ޝިއާރެވެ. މި ޝިއާރު އަންގައިދެނީ، ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްހަތު ސަލާމަތް ކުރުމުގެ މުހިންމުކަމެވެ.
އެއީ ދުޅަހެޔޮ މުޖުތަމައުތަކާއި އުޖާލާ މާދަމާއަކަށް މަގުފަހިކޮށްދޭ ބިންގަލެވެ.

