މާލޭގެ ހ.ފެންޓެނޯއީގޭގެ ނުވަ ވަނަ ފަންގިފިލާއިން، ހ.މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، ސަރުކާރުގެ ހަރަދުގައި ބޭސް ފަރުވާއަށް މެލޭޝިއާއަށް ފޮނުވުމަށް ނިންމައިފިއެވެ.

އުމުރުން 21 އަހަރުގެ ޔުމްނުގެ އާއިލާގެ ފަރާތުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ ބޭސްފަރުވާގެ ކަންކަން ހަމަޖައްސާފައިވަނީ އެންސްޕާ މެދުވެރިކޮށް ކަމަށެވެ.

އެންސްޕާއިން މިހާރު ދަނީ ޗާޓަރު ފުލައިޓެއް ހަމަޖެއްސުމުގެ މަސައްކަތްކުރަމުން ކަމަށް ޔުމްނުގެ އާއިލާއިން ބުންޏެވެ.

ޔުމްނުގެ ހަށިގަނޑަށް ވަނީ ގިނަ އަނިޔާތަކެއް ލިބިފައެވެ. އޭނާ އަށް އަދި ފަރުވާ ދެމުން އަންނަނީ، އައިޖީއެމްއެޗުގެ އައިސީޔޫގައެވެ.

ފުލުހުން މިއަދު ބުނީ ޔުމްނު ވެއްޓުނު ރޭ، އޭނާ އާއެކު އުޅުނު އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ރައުދު ބަންދުކޮށްފައިވަނީ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.

ފުރާޅު މައްޗަށް އަންހެން މީހާ ވެއްޓުނު މައްސަލައިގައި ރައުދު ތަހުގީގަށް އެއްބާރުލުން ނުދޭތީ އޭނާ ހައްޔަރުކުރުމުގެ އަމުރަކަށް އެދިފައިވާނެކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވެފައިވެއެވެ. އެފަހުން ފުލުހުން އިއްޔެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިއްޔެ 18:20 ގައި ރައުދު ހައްޔަރުކޮށްފައިވާ ކަމަށެވެ.