މާލޭގެ ހ.ފެންޓެނޯއީ ގޭގެ މަތީ ފަންގިފިލާއަކުން ޒުވާން އަންހެނަކު ވެއްޓުނު މައްސަލައިގެ ތަހުގީގު ދެ ފުށް ފެންނަ ގޮތަށް ކުރިއަށް ގެންދިޔުމަށް، ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މި މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، އުމުރުން 21 އަހަރުގެ ޒުވާނާ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައިގައި، އޭނާ އަށް އިންސާފު ހޯދަން ގޮވައިލައި، ޒުވާނުންތަކެއް ދަނީ ސިލްސިލާ އެއްވުންތަކެއް ބާއްވަމުންނެވެ.
މިނިސްޓަރު އިހުސާން ”އަދަދު“ ނޫހަށް ވިދާޅުވީ، މި މައްސަލައިގައި ދެ ފުށް ފެންނަ ތަހުގީގެއް ފެށުމަށް މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދާއިރު، އެއީ 100 ޕަސެންޓު ކަށަވަރު ކުރާނެ ކަންކަން ކަމުގައެވެ.
”އަޅުގަނޑުގެ ވުޒާރާގެ ތެރެއިން ކުރަން ޖެހޭ ކަންކަން ކުރާނަން،“ އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ އިސްތިއުފާ އަށް ވެސް އެއްވުމުގެ ބައިވެރިން ދަނީ ގޮވައިލަމުންނެވެ. އިހުސާން ވިދާޅުވީ، އިސްތިއުފާ ދޭން ޖެހޭވަރުގެ ކަމެއް ހިނގައިގެން އުޅޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ނަމަވެސް މި ކޭސްއާ ގުޅިގެން، ފުލުހުންގެ ހިދުމަތުން މައުލޫމާތު ދިނުމަށް ސެޝަންތައް ބާއްވާއިރު، ފުލުހުންގެ ޖަވާބުތައް އެއަށްވުރެ ސާފު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ޒުވާނާ ވެއްޓުނު މައްސަލައިގައި ގ.އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް، ވަނީ ހައްޔަރުކޮށް، ބަންދަށް ފަސް ދުވަސް ޖަހައިފައެވެ. އުމުރުން 21 އަހަރުގެ ރައުދުގެ ކޯޓު އަމުރުން އެނގޭ ގޮތުގައި، ޒުވާނާ ވެއްޓުނު ރޭ، އެ ދެމީހުންގެ މެދުގައި ދެބަސްވުމެއް ހިނގާފައިވެއެވެ.
