އިމާރާތެއްގެ މަތިން އަންހެނަކު ވެއްޓުނު މައްސަލައިގައި، އެރޭ އެ އަންހެންމީހާއާއެކު އުޅުނު އެންމެންގެ ފޯނު ހިފަހައްޓައިފިއެވެ.

ފުލުހުން ބުނީ ހ.ފެންޓެނޯއީ ގެއިން، ހ.މިޓާޒް ގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ޔުމްނު ރަޝީދު ވެއްޓުނުރޭ އެއްކޮށް އުޅުނު ކަމަށް ތުހުމަތުކުރެވޭ އެންމެންގެ ފޯނުތައްވެސް ކޯޓު އަމުރެއްގެ ދަށުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށެވެ.

މީގެކުރިން ފުލުހުން ވަނީ ޔުމްނު ފިޔަވައި އެހެން އެންމެންގެ ޕާސްޕޯޓުތައްވެސް ހިފަހައްޓާފައެވެ.

އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު ނަމަކަށް ކިޔާ އެ އަންހެން ކުއްޖާ، މާލޭގައި ހުންނަ މިޓާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓުނު ހާދިސާ ފުލުހުންނަށް ރިޕޯޓުކުރީ މިމަހުގެ 18 ވީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.

މި ހާދިސާ ހިނގި ރޭ ޔުމްނުއާއެކީ އިތުރު އަށް މީހަކު އުޅުނު ކަމަށާއި އެންމެން އެއްކޮށް އުޅުމަށްފަހު ޔުމްނު އާއި އެރޭ އެމީހުންނާއެކު އުޅުނު ރައުދު އަހްމަދު ޒިލާލް، ހާދިސާ ހިނގާފައިވާ ގެއަށް ދިޔައީ އެރޭ ދަންވަރު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

އަދި ޔުމްނު ވެއްޓިފައިވަނީ އެ އިމާރާތުގެ ނުވަ ވަނަ ފަންގިފިލާގައި ހުރި ވައިގޮޅިއަކުން އަމިއްލައަށް ކަމަށާއި އޭނާއާއެކު އުޅުނު ޒައުލް މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދުގެ ބަންދަށް މިހާރުވަނީ 5 ދުވަސް ޖަހާފައެވެ.