މާލޭގެ ހ.ފެންޓެނޯއީ ގޭގެ މަތީ ފަންގިފިލާއަކުން ޒުވާނަކު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހާއްސަ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، ”2025 އެޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަހުގީގު ކުރާ، ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ކޮމިޝަން“ ރައީީސް، މިރޭ އުފައްދަވައިފައިވާ ކަމަށެވެ.
މި ކޮމިޝަން އެމަނިކުފާނު އުފައްދަވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ.
މި ކޮމިޝަން ރައީސް އުފައްދަވާފައިވަނީ 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކޮށް، އެ ހާދިސާގެ ހަގީގަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެ އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:
1. ޑޮކްޓަރ މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3. ޑޮކްޓަރ މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ
މިކޮމިޝަނުގެ ރައީސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ޑރ. މުހައްމަދު މުނައްވަރެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛
(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުމާ ހަމަޔަށް ދެމިއޮންނާނެ ކޮމިޝަނެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު ނަންބަރު 11/2025 ބަޔާންކޮށްފައިވެއެވެ.

