މުހިންމީ އިންސާފު ގާއިމު ކުރުން ކަމަށާއި، އެކަން ކުރުމުގައި އެއްވެސް މީހަކު ފޮރުވަން މަސައްކަތް ނުކުރައްވާނެ ކަމަށް ރައީސުސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު މެލޭޝިއާއަށް ފުރާވަޑައިގަތުމުގެ ކުރިން ރައީސް މުއިއްޒު ވިދާޅުވީ، މި ސަރުކާރަކީ އިންސާފަށް ލޯބި ކުރާ ސަރުކާރެއް ކަމަށާއި، އެއްވެސް މީހަކަށް އެކަމުގައި ތަފާތު ނުކުރައްވަވާނެ ކަމަށެވެ.
ަ
”ކުރިއަށް އޮތްތާގަވެސް، އަޅުގަނޑު އުސޫލެއް ނޫން، ތަފާތު ކުރުމަކީ، އަދި އަނިޔާވެރިވުމަކީ. އެއްވެސް ރައްޔިތަކަށް.“ ރައީސް ވިދާޅުވިއެވެ.
މަސްތުގެ ހާލަތުގައި ހުރި އަންހެނަކު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު މައްސަލައިގައި ވެސް، އެމަނިކުފާނުގެ ވިސްނުންފުޅު، އެންމެ ފުރަތަމަ ވެސް ހުރީ ކަމުގެ ހަގީގަތް ބެއްލެވުމަށް ކަމަށް ރައީީސް ވިދާޅުވިއެވެ.
އިންސާފު ގާއިމު ކުރަން ކުރާ މަސައްކަތުގައި އެއްވެސް މީހަކު ފޮރުވަން ސަރުކާރުން މަސައްކަތް ނުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް ދެއްވިއެވެ.
މި މަހުގެ 18 ވަނަ ދުވަހު، ހައްވާ ޔުމްނު ރަޝީދު (21 އ) ފުރާޅަށް ވެއްޓުނު މައްސަލައިގައި، ސަރުކާރުގެ އިސް ފަރާތްތަކެއްގެ ބައިވެރިވުން އޮތް ކަމަށް މީސްމީޑިއާގައި ބައެއް މީހުން ތުހުމަތު ކުރެއެވެ. އެކަމަށް އިޝާރާތް ކުރައްވައި ރައީސް މިއަދު ވިދާޅުވީ، މިއީ ޒުވާނުންގެ ”ޖެނުއިން ކަންސާން“ ކަމަށާއި، އެ ކަންބޮޑުވުންތައް އަޑުއެހުން އެމަނިކުފާނަށް ވަރަށް މުހިންމު ކަމަށެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ މުޒާހަރާތައް ފެށިގެން އައީ، ހަގީގަތުގައި ވެސް ކަންބޮޑުވުންތަކެއް ހުރެގެންކަން ގަބޫލުފުޅު ކުރައްވާ ކަމަށާއި، އެމަނިކުފާނަށް މުހިންމީ ކުށް ކުރި ފަރާތް ހޯދައި، އިންސާފު ގާއިމު ކުރުން ކަމަށެވެ.
”އެއީ ކޮންމެ ފަރާތަކަށް ވިޔަސް، އެ ފަރާތަކަށް، ގާނޫނު އަސާސީ، ގާނޫނުގަ އޮންނަ އަދަބެއް ދިނުން. އެ އިންސާފު ގާއިމު ކުރުމުގައި.“ ރައީީސް ވިދާޅުވިއެވެ.
ޔުމްނު ވެއްޓުނު މައްސަލައިގައި އުމުރުން 21 އަހަރުގެ ރައުދު އަހުމަދު ޒިލާލް ހައްޔަރުކޮށްފައިވާއިރު، މި މައްސަލަ ބެލުމަށް ހާއްސަ ކޮމިޝަނެއް ރައީީސް ރޭ ވަނީ އުފައްދަވައިފައެވެ.
މި ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި ހިމެނެނީ:
1. ޑޮކްޓަރ މުހައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
2. ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަހުމަދު މުހައްމަދު، ވ. އަލްމާން
3. ޑޮކްޓަރ މުހައްމަދު ހަބީބު، ސ. ހިތަދޫ، ސީސަންމާގެ
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން މި ކޮމިޝަނަށް ލިބިދޭ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ؛
(ހ) ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިޔަށްގެންދާ ތަހުގީގުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން؛
(ށ) ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަހުގީގުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން؛
(ނ) ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން، ގާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ގާނޫނު) ގައި ބަޔާންކުރާ، ގާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން؛
(ރ) ހައްޔަރު އަމުރާއި، ޖިނާއީ ތަހުގީގުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން؛
(ބ) ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫން ވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން؛
(ޅ) ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކުން އެއްވެސް ތަހުގީގެއް ކޮށްފައި ވާ ނަމަ، އެ ތަހުގީގަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދައިފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި، ގަރީނާތަކާއި، އެނޫން ވެސް މައުލޫމާތު ހޯދުން.
ޔުމްނު ވެއްޓުނު މައްސަލަ އަކީ، ފުލުހުންގެ ހިދުމަތުން އެންމެ އިސްކަމެއް ދީގެން ބަލަމުން އަންނަ މައްސަލަ ކަމަށާއި، މި މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިޔުމަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ.
ފުރާޅަށް ވެއްޓުނު ޔުމްނު އާއި، އޭނާއާއެކުގައި އުޅުނު ރައުދު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ޔުމްނު އަށް އިތުރު ފަރުވާ ދިނުމަށް، ރޭ ވަނީ ސަރުކާރާއި އާއްމުންގެ އެހީތެރިކަމާއެކު މެލޭޝިއާއަށް ގެންގޮސްފައެވެ.

