ރަސްމާލެ ސިޓީ ތަރައްގީކުރުމަށް ފުށިދިއްގަރުފަޅުން 101 ހެކްޓަރުގެ ބިން ހިއްކައި ނިންމައިލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މާލޭ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށްގެންދާ، ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއްގެ ބިން ހިއްކައި ނިންމާފައިވާ ކަމަށެވެ.

މާލެ ސަރަހައްދުގައި ތޮއްޖެހުން ކުޑަކުރުމަށް ރާއްޖޭގައި ތަރައްގީކުރާ ފުރަތަމަ އިކޯ ސިޓީ، ރަސްމާލެ ތަރައްގީކުރުމަށް ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މިކަމަށްޓަކައި ހިންގާ މަޝްރޫއުގެ ދަށުން، އޭޕްރީލް 13، 2025 ގެ ނިޔަލަށް ޖުމްލަ 101 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހިއްކި ސައިޓް ޖޭ ގެ 29 ހެކްޓަރުގެ ބިމާއި، މޯހަން މުތާ އެކްސްޕޯރޓްސް ޕްރައިވެޓް ލިމިޑެޑާ ހަވާލުކޮށްފައިވާ ސައިޓް ޑީ، އެފް، ޖީ، އެލް ގެ ޖުމްލަ 378 ހެކްޓަރުގެ ތެރެއިން، 72 ހެކްޓަރުގެ ބިމެވެ.

މިހާރު ހިއްކިފައިވާ 101 ހެކްޓަރުގެ ބިމަކީ، ހުޅުމާލޭ އެއްވަނަ ފިޔަވަހީގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ސަރަހައްދެކެވެ.

ބިން ހިއްކުމުގެ މަޝްރޫއާއެކު އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނަކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

 

މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް ރަސްމާލެ ފަޅު ހިއްކަނީ މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރ އުސްމިނަށެވެ.

މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރ އުސްކޮށް ހިއްކޭ ރަށެކެވެ. މި ރަށުގައި އަންދާޒާ ކުރެވޭގޮތުން 240،000 އަށްވުރެ ގިނަ އާބާދީއެއް ގާއިމްކުރެވިގެންދާނެއެވެ.

އިކޯ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީކޮށް 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

މިއީ ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއެވެ. މިގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް 2 ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ ބޮޑު ސިޓީއެކެވެ.