ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް މެލޭޝިއާ ސަރުކާރުން ރަސްމީ ގޮތުން މަރުހަބާ ދަންނަވައިފިއެވެ.
މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު މެލޭޝިއާގެ ޕުޓުރާޖާޔާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޕުޓުރާޖާޔާއަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އިންސްޕެކްޓް ކޮށްދެއްވާފައެވެ.
އަދި އެއަށްފަހު މެލޭޝިއާގެ އަސްކަރީން ދެ ގައުމުގެ ގައުމީ ސަލާމް ކުޅެފައިވެއެވެ.
މި ރަސްމިއްޔާތުގައި، ރައީސްއަށް މެލޭޝިއާގެ އިއްޒަތްތެރިން މަރުޙަބާ ވިދާޅުވެ ތައާރަފުވެވަޑައިގަތުމަށްފަހު، ދިވެހި ވަފުދުގެ ބޭފުޅުން ބޮޑުވަޒީރު އަންވަރް އިބްރާހީމަށް ތައާރަފުކޮށްދެއްވިއެވެ.
އަދި ދެ ގައުމުގެ ލީޑަރުން އެކުގައި މެލޭޝިއާގެ، ޕުޓުރާ މިސްކިތުގެ ކުރިމަތީގައި ހަނދާނީ ފޮޓޯފުޅެއް ނެންގެވުމަށްފަހު، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ރައީސުލްޖުމްހޫރިއްޔާ ސޮއިކުރެއްވިއެވެ.
މިދަތުރުފުޅުގައި، އެ މަނިކުފާނުގެ އަރިހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި ސަރުކާރުގެ އިސްވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

