ހައުސިން މިނިސްޓްރީ ކުރިން ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި ”ބިންވެރިޔާ“ ސްކީމުގެ ތަހުގީގަށް ބޭނުންވާ އެއްވެސް ޑޮކިއުމެންޓެއް ނެތިގެން ގޮސްފައިނުވާ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

މުއްތަލިބު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ”ބިންވެރިޔާ“ ސްކީމާ ގުޅޭގޮތުން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދަނީ، ގޯތި ލިބިފައިނުވާ ބަޔަކަށް ގޯތި ލިބިފައިވާކަމަށް ދެއްކުމަށްޓަކައި، ސައްހަ ނޫން ލިޔުންތަކެއް ހަދާފައިވާ މައްސަލަ ކަމަށެވެ.

މިސްކީމަކީ ޕޯޓަލް މެދުވެރިކޮށް، އެޕްލިކޭޝަން މަރުހަލާތައް ނިންމައި، ޕޯޓަލް މެދުވެރިކޮށް ބަލަހައްޓަމުން ގެންދާ ސްކީމެއްކަން ފާހަގަކުރައްވައި މުއްތަލިބު ވިދާޅުވީ، ގޯތި ލިބުނު މީހުންގެ ލިސްޓަކީ ގެޒެޓު ކުރެވިފައިވާ ލިސްޓަކަށްވާއިރު، ގޯތި ލިބުނު މީހުންގެ މައުލޫމާތު މިނިސްޓްރީގެ ޕޯޓަލްގައިވާނެ ކަމަށެވެ.

”ބިންވެރިޔާ ސްކީމާ ގުޅިގެން، ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކަށް ބޭނުންވާ މައުލޫމާތު، މިހާރު ވެސް މިނިސްޓްރީން ދަނީ ފޯރުކޮށްދެމުން. އެހެންކަމުން، މިނިސްޓްރީން ކުރިން ހިންގަމުން ދިޔަ އިމާރާތުގައި 2024 ޑިސެމްބަރު 12 ގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާގައި، ބިންވެރިޔާ ސްކީމާ ގުޅިގެން ދައުލަތުގެ މުއައްސަސާތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ތަހުގީގަށް ބޭނުންވާ ތަހުގީގަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތިގެން ގޮސްފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައެއް ނުވޭ.“ މިނިސްޓަރު ވިދާޅުވިއެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު، އެ އިމާރާތުގައި ހުރި، ބިންވެރިޔާ ސްކީމާ ގުޅޭ ޑޮކިއުމަންޓުތަކުގެ ހާޑު ކޮޕީ ނެތިގެން ގޮސްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯއްޗެއް

 

އެމްޑީޕީގެ ސަރުކާރުގެ ”ބިންވެރިޔާ“ ސްކީމުގެ ދަށުން އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެއަށް ހުޅުމާލޭން ބިމެއް ދިން ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.

އެ ސްކީމުގެ ދަށުން ގޯތި ލިބިފައިވާ ކަމަށް ބުނެ ސައްހަ ނޫން ލިޔުންތަކެއް ހުށަހަޅައިގެން ތިން ބިމަކަށް ގޯތި ހޯދުމަށް މަސައްކަތްކޮށްފައިވާ ކަމަށާއި، ހަ ފަރާތަކުން އެ ބިންތަކަށް ލިޔުން ހުށަހަޅާފައިވާކަން ފާހަގަވެފައިވާ ކަމަށް ފުލުހުން މިދިޔަ ޑިސެމްބަރު ބުނެފައިވެއެވެ.