ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވަނީ ރަސްމީ މަޝްވަރާތަކެއް ބާއްވަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު އާއި ބޮޑުވަޒީރު އަންވަރު އިބްރާހީމް އިސްވެ ހުންނަވައިގެން ބޭއްވެވި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ޕުތުރާ ޕެރަޑަނާ، ޕުތުރާޖަޔާގައެވެ.
ރަސްމީ ވާހަކަފުޅުގައި، މި ދައުވަތާއި، ހޫނު މަރުހަބާއާއި، ދީލަތި މެހެމާންދާރީއަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.
އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމުގެ ފުރުސަތުތައް ހޯއްދަވަމުން ގެންދަވާއިރު، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ދިގު މުއްދަތުގެ ދެ ގައުމުގެ ދެމެދުގައި ރަނގަޅު ބަދަލުތަކެއް ދެމެހެއްޓުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރަސްމީ ވާހަކަފުޅުގައި މެލޭޝިއާގެ ބޮޑުވަޒީރު ވަނީ އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ މުހިންމު ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އަދި މެލޭޝިޔާ-ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި މި ދާއިރާތަކާ މެދު ވިސްނާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

