ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ދަރިވަރުން، އިސްލާމްދީނުގެ އުސޫލުތަކާއި ދިވެހިވަންތަކަން ހިފެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ، މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމްދީނުގެ އުސޫލުތަކަށް އަމަލުކޮށް، ފަހުރުވެރި ދިވެހިންގެގޮތުގައި އަދި ދިވެހިވަންތަކަމުގައި ދިވެހި ޒުވާނުން ދެމިތިބުމަށް އިލްތިމާސްކުރައްވާފައެވެ.

އެކި ކަންކަމުގައި، އެހެން ގައުމުތަކުގައި ވަޒަންވެރިވެ ދިރިއުޅޭއިރު، ދީނުގެހަމަތައް ދޫކޮށްލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިސްލާމްދީނުގައި އޮންނަ ހުދޫދުތަކުން ބޭރުވާ ނަމަ، ލިބޭނެ އެއްވެސް އުފަލެއް ނެތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެެެވެ.

ރައީސް ވާހަަކަފުޅުގައި ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް ހިތްވަރު ދެއްވައި، އަމިއްލަ ނަފްސާއި، އާއިލާއާއި، ގައުމަށް ރީތި ނަން ހޯދައިދިނުމަށް ބާރުއެޅުއްވިއެވެ.

އަދި، ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި އާއިލާތަކުން، ދިވެހިންގެ އެއްބައިވަންތަކަމުގެ އުސޫލުތައް ނަގަހައްޓައި، އެކުވެރިކަން އާލާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުގައި ދަޢުލަތުގެ ޒިންމާއަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ދިވެހީން ދިރިއުޅުނު ނަމަވެސް، ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުންކަމުގައި ވިދާޅުވިއެވެ.

މިހަފުލާގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި އައިޑީ ކާޑުގެ ހިދުމަތާއި، ދިވެހި އިލެކްޓްރޯނިކް ޕާސްޕޯޓްގެ ހިދުމަތް މެލޭޝިއާގައި ރަސްމީކޮށް ފައްޓަވައިދެއްވައި އަދި ”މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން“ އިފްތިތާހު ކޮށްދެއްވާފައެވެ.

އަދި، ދިވެހި ދަރިވަރުންނަށް ކަންކަން ފަސޭހަކޮށްދިނުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެޓުން މެލޭޝިއާގައި ހުންނަ ’މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން’އަށް ކޮންމެ އަހަރަކުވެސް 3،000 އެމެރިކާ ޑޮލަރަށްވާ މެލޭޝިއާ ރިންގިޓް ޖަމާކުރެއްވުމަށް ނިންމަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވިއެވެ.

މީގެއިތުރުން، ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ހިދުމަތް އިތުރަށް ފުޅާކޮށް، ފުރިހަމަކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު ވަހީދު ހަސަންއާއި އެމަނިކުފާނުގެ އަނބިކަބަލުން އިލްހާމް ޙުސައިންގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ ބޭފުޅުންނާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ގިނަ އާއިލާތަކާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.