ފަސް މީހުން ތިބި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
2025 އޭޕްރިލް 27 ވަނަ ދުވަހުގެ ރޭ 8:00 އެހައިކަންހާއިރު ގދ. ގައްދޫއިން ހުޅުމާލެއަށް ދަތުރުކުރި ”ބްރިލިއަންޓް ކެރިއަރ“ ނަމަކަށް ކިޔާ ދޯންޏެއް ވަނީ ގެއްލިފައެވެ.
ފުލުހުން ދެންމެ ބުނިގޮތުގައި، މި ދޯނީގައި ތިބީ 5 މީހުންނެވެ. އެއީ 3 ދިވެހިންނާއި 2 ބިދޭސީންނެވެ.
ދޯންޏާ އެންމެ ފަހުން ގުޅިފައިވަނީ އޭޕްރިލް 28 ވަނަ ދުވަހުގެ ދަންވަރު 2:40 ގައެވެ. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދުއަތޮޅަށް ވަންނަން ކައިރިވެފައިވާ ކަމަށެވެ. އޭގެ ފަހުން ދޯންޏާ ގުޅިފައެއް ނުވެއެވެ.
”އެންމެ ފަހުން ގުޅުނު އިރު ކެޕްޓަން ބުނި ބުނުން އުތުރަށް ސާފުކޮށްދިނުމުގެ ގޮތުން ދަންނަވަން. އެއިރު ކެޕްޓަން ވިދާޅުވެފައިވަނީ ހުވަދޫ ކަނޑަށް ނުކުތްތާ މާ ގިނަ އިރު ތަކެއް ނުވާ ކަމަށް.“ ފުލުހުން ބުންޏެެވެ.
މި މައްސަލަ މިއަދު ހަވީރު 6:00 ގައި ގައްދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓުކުރެވި، އެމް.އެން.ޑީ.އެފްގެ ސަދަން ރީޖަން ކޮމާންޑަށް ވަނީ މައުލޫމާތު ދީފައެވެ. ފުލުހުން ބުނީ، ދޯނި ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ.
މި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ނެޝަނަލް އިމަޖެންސީ ނަންބަރު 911 އަށް ނުވަތަ އެންމެ ކައިރި ފުލުހުންގެ މަރުކަޒަކަށް އަންގަވައިދެއްވުން އެދޭ ކަމަށް ވެސް ބުންޏެެވެ.
(ތަފްސީލު އަންނަނީ….)

