ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، މެލޭޝިޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ކުއަލަލަމްޕޫރުގައި ހުންނަ ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ އެ އިމާރާތުގެ މިއުމާރިއްޔާތު ބައްލަވާލައްވައި، އެތަނާގުޅޭ މުހިންމުކަންކަން އޮޅުންފިލުއްވައިފައެވެ.
ޕެޓްރޯނާސް ޓްވިން ޓަވަރސް އަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ، މެލޭޝިއާ ޕެޓްރޯލިއަމް މެނޭޖްމަންޓް (އެމް.ޕީ.އެމް) ގެ ސީނިއަރ ވައިސް ޕްރެޒިޑެންޓް ހިޒް އެކްސެލެންސީ ބަޗޯ ޕިލޮންގްއެވެ. އެއަށްފަހު ސްކައިބްރިޖާއި އޮބްޒަވޭޝަން ޑެކްގެ ޓުއާއެއް ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.
އަދި އެތަނާ ގުޅިފައިވާ އީޖާދީ މިއުމާރިއްޔާތާއި ޤައުމިއްޔަތުގެ ނަޒަރަކުން އެ ޓަވަރުތަކުގެ މުހިންމުކަމާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާއާ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
މެލޭޝިއާގެ ސަގާފަތާއި ތަރިކައާއި ގުޅުންހުރި މިފަދަ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަކީވެސް ދެ ގައުމުގެ މެދުގައި އޮތް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކަމެކެވެ.
އަދި، ރައީސް މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅުންވެސް ދެ ގައުމުގެ މެދުގައި އޮތް ގާތް އަދި ދެމެހެއްޓެނިވި ގުޅުން ދައްކުވައިދެއެވެ.
ރައީސްގެ މި ދަތުރުފުޅުގެ މަގްސަދަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފަހިކޮށް، އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ޙައްލު ހޯއްދަވައިދެއްވުމެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

